ހޯރަފުށީގެ ކުރީ ދައުރުގެ ކައުންސިލަރުންނަށް ދައުވާކުރަން ފޮނުވައިފި

ހޯރަފުށީގެ ކުރީ ދައުރުގެ ކައުންސިލަރުންނަށް ދައުވާކުރަން ފޮނުވައިފި އެވެ.

ޤަވާއިދާ ޚިލާފަށް ބިމެއް ދޫކޮށްފައިވާ މައްސަލައާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ނިމި ދިޔަ ދައުރުގެ ކައުންސިލް މެންބަރުންނަށް ދަޢުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

އޭސީސީ އިން ތަހުގީގުކޮށްފައިވަނީ ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް 20 އަހަރަށް ކުއްޔަށް ދޫކުރި މައްސަލައެއްގައެވެ.

އެ ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމަކުންނެވެ.

އޭސީސީން މި މައްސަލައާއި ގުޅިގެން ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ހއ.ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދުއާއި، ނައިބު ރައީސް އަޙްމަދު އިމްދާޙު އާއި، ކައުންސިލް މެންބަރު ޝާކިރު އާއި ކައުންސިލް މެންބަރު އަޙްމަދު ރައޫފު އާއި، ކައުންސިލް މެންބަރ މަރްޔަމް ވަކީލާ އާއި، ކައުންސިލް މެންބަރ އާމިނަތު ވިސާމާ އަދި ކައުންސިލް މެންބަރ އާމިނަތު ނާޞިޙާގެ މައްޗަށެވެ.

މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އޭސީސީން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *