އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެފައިވަނީ އާންމު މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ބާއްވަވާ ބަދަހި ގުޅުމުގެ ސަބަބުންކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިވަގުތު 7 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އޮތްއިރު 74000 މެންބަރުންނާއެކު އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ 2019 ވަނަ އަހަރު އުފެއްދި ޕީއެންސީ ކަމަށެވެ.
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިކުންނާނީ 1 ލައްކަ މެމްބަރުންނާއެކު ކަމަށްވެސް މުޙައްމަދު އިސްމާއިލް ވަނީ ވިދަޅުވެފައެވެ.
އެގޮތުން އެ އަމާޒަށް ދެވޭނެކަމާއިމެދު ޝައްކު ނުކުރާކަމަށްވިދާޅުވެ މުޙައްމަދު އިސްމާއިލް ވިދާޅުވީ އިރާދަކުރެއްވިއްޔާ ދެން އަންނަ މަޖިލިސް ބްރޭކްގައި އެ ޕާޓީން އެ އަމާޒަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އަދި އެ ޕާޓީއަށް މެމްބަރުން އިތުރުވަމުން އަންނަނީ ރައީސް ޑރ މުއިއްޒުގެ ސިޔާސަތުތައް ވަރުގަދަވީމައި ކަމަށާއި އެމަނިކުފާނަށްވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް، ތަރައްގީއާއި ކުރިއެރުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ދެވަނަ ވެރިޔަކު ދެން ދިވެހި ތާރީހު ދެކެފާނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ.