ވަޑާމުގެ ސާމާނު ވަގަށްނެގި 2 މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވައްކަންކުރި 2 މީހުން ހައްޔަރުކޮށް ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ) ކަމަށާއި، މި މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސީބު އާދަމް 5 ވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށެވެ..

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހު ކަމަށާއި، އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވޭ މި ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *