ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމާއި ރަސްގެފާނާއި ބޮޑުވަޒީރަށް ރާއްޖެއިން މަރުހަބާ ވިދާޅުވެއްޖެ

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވަރލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަން ފާހަގަކުރައްވައި، ސްޕެއިންގެ ކާމިޔާބީ، މުޅި ރާއްޖޭގައި ވަރަށް އުފަލާއެކު ފާހަގަކޮށްފައިވާކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު އުފެދިފައިވާ ގާތް، އަދި ދެމެހެއްޓެނިވި ރަޙްމަތްތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސްޕެއިންގެ ފަތުރުވެރިންނާއި ބައިވެރިންގެ ފަރާތުން މެދުކެނޑުމެއްނެތި ލިބެމުންދާ އަގުހުރި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *