ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީކޮށްފިއެެވެ.
ބީ.އެމް.އެލްގެ ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާޢިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި، ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ހޯދަދީފައިވެއެވެ. މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ލައިބްރަރީއަށް ޖުމްލަ 1000 އަށްވުރެ ގިނަ ފޮތް އިތުރުކޮށްދީފައިވެއެވެ. މި ފޮތްތަކުގެ ތެރެއިން 500 އަށްވުރެ ގިނަ ފޮތަކީ، ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެފައިވާ ފޮތެވެ.
މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބުކުރި ޝިމާއު ވިދާޅުވީ، އއ. އަތޮޅު ތަޢުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލްކުރަމުން އަންނަ ސްކޫލެއް ކަމަށާއި، ސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުންކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފައި ކަމަށެވެ. އަދި ޖާގައިގެ ގޮތުން ތަނަވަސްކަމެއް ހުރި ނަމަވެސް ފޮތް އިތުރުކޮށް، ލައިބްރަރީއަށް ފަރުނީޗަރުވެސް ބޭނުންވާ ކަމަށްވެސް ޝިމާއު ވިދާޅުވިއެވެ.
" ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުޤުވެރިކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި، ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ޤާއިމްކުރުމަށް ބޭނުންވީ. މި ފުރުސަތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި ޢާއިޝަތު އަޒްލީނާ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން. މިއީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ އެންމެހާ ކުދިންނަށް ލިބުނު ވަރަށް އަގުބޮޑު ހަދިޔާއަކަށް ވެގެންދާނެ." ޝިމާއު ވިދާޅުވިއެވެ.
މިޕްރޮޖެކްޓާއި ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، ތައުލީމީ ދާއިރާއަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތައް މެދުވެރިކޮށް ބީ.އެމް.އެލްއިން އެހީފޯރުކޮށްދޭ އަދި ޚާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާ ކަމަށެވެ.
" މި ޕްރޮޖެކްޓުގެ ދަށުން މިވަނީ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެލްކޭޖީން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ބޭނުންކުރާނެ ފޮތް ހޯދައިދީފައި. ފޮތްތަކުގެ އިތުރުން ލައިބްރަރީއަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވެގެން ދިޔުން." ސަޢީދު ވިދާޅުވިއެވެ.
ބީ.އެމް.އެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ދީފައިވެއެވެ. އަދި މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.