ބީއެމްއެލް އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ އަށް އަޕްޑޭޓް ގެނެސް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މި އަޕްޑޭޓާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެ.

އަދި އޭގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ގެނެވުނު މި ބަދަލާއެކު، މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އިތުރަށް އެ ބޭންކުން ބުނީ މިއީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *