ފްރާންސްގެ ކޯޗުކަމާއި ޒިދާނު ހަވާލުވުމާއެކު، ފުޓުބޯޅައިގައި ސްޕޭނާއި ފްރާންސްގެ ބޮޑު ވާދަވެރިކަމެއް!

މަލްޓި މިލިއަން ޑޮލަރުގެ ވަޒީފާތަކަށް ނޫނެކޭ ބުނެ، ފްރާންސްގެ ކޯޗުކަމުގެ ހުވަފެން ޒައިނުއްދީން ޒިދާންވަނީ ޙަޤީޤަތަކަށް ހަދާފައެވެ. ފްރާންސްގެ ކޯޗުގެ ގޮތުގައި ޒިދާނު ހަމަޖެހުނުކަން ރަސްމީކޮށް މިހާރު ވަނީ އިއުލާނުކޮށްފައެވެ. ފްރާންސްގެ ކޯޗުކަމާއި ޒިދާނު ހަވާލުވުމާއެކު، ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑު ވާދަވެރިކަމެއް އުފެދިގެންދާނެއެވެ. އެގޮތުން، ޒަމާނުއްސުރެ ފްރާންސާއި ވާދަވެރިކަން އޮންނަ ދުނިޔޭގެ ޗެމްޕިއަން ސްޕޭންގެ މެޗުތަށް އިންތިހާއަށް ފޯރިގަދާވާނެކަން ޔަޤީނެވެ.

ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ޒިދާނުވަނީ ފްރާންސާއެކު ހުރިހާ ކާމިޔާބެއް ހޯދާފައެވެ. ޒިދާނު ދަނޑުމަތީގައި ހުއްޓައި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަފަދަ އެއްވެސް ބާރަކަށް ފްރާންސް ބަލިކުރެވިފައެއްވެސް ނެތެވެ. އެގޮތުން، ރޮނާލްޑޯ، ރޮނާލްޑީނިއޯ އަދި ރިވާލްޑޯ ހިމެނުނު ބްރެޒިލްގެ ފުޓުބޯޅައިގެ ރަންޖީލުގެ ނިމުން ގެނައީވެސް ޒިދާނެވެ. އެއީ، 1998 އަދި 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލް ބަލިކޮށްގެންނެވެ. ދުނިޔޭގެ ޗެމްޕިއަން ސްޕޭންއަކީވެސް ޒިދާނަށް ފަރިތަ ޓީމެކެވެ. ޔޫރޯ 2000 އަދި 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޒިދާނުގެ ހުނަރުވެރިކަމާއެކު، ފްރާންސުން ސްޕޭންވެސް ބަލިކޮށް ރަށަށް ފޮނުވާލިއެވެ. ޒިދާނު ހުރެގެން ޕޯޗުގަލްއަށްވެސް ހެދީ ހަމަ އެފަދަ ގޮތެކެވެ. އެއީ، ޔޫރޯ 2000 އަދި ވޯލްޑްކަޕް 2006 ގައި ޕޯޗުގަލް ބަލިކޮށް ރަށަށް ފޮނުވާލައިގެންނެވެ. އިޓަލީގެ ވަރުގަދަ ޑިފެންސްލައިންވެސް ޒިދާނުހެދީ ފެނަށެވެ. 1998 ވަނަ އަހަރު ވޯލްޑްކަޕް އަދި 2000 ވަނަ އަހަރު ޔޫރޯގައި އިޓަލީ ބަލިކޮށްލުމުގެ މޭސްތިރިއަކީވެސް ހަމަ ޒިދާނެއެވެ..

މިހާރު އުފެދޭ ސުވާލަކީ ފްރާންސްގެ ކޯޗުކަމާއި ޒިދާނު ހަވާލުވުމާއެކު، ދުނިޔޭގެ ޗެމްޕިއަން ސްޕޭނާއި ފްރާންސްގެ ވާދަވެރިކަމެއް އުފެދިދާނެ ހެއްޔެވެ! ޒިދާނަކީ، ސްޕޭންގެ ފުޓުބޯޅަ ކޯޗުންނާއި ސްޕޭން ކުޅުންތެރިން އެންމެ ރަނގަޅަށް ދަންނަ ފަރާތެވެ. ކާމިޔާބު ފުޓުބޯޅަ ކެރިއަރަށްފަހު، ސްޕޭންގައި ދިރިއުޅެމުން އައިސްފައިވާ ޒިދާނަކީ، ސްޕޭނުގެ ރެއަލް މެޑްރިޑްގެ މައިތަނބެވެ. އެގޮތުން، ރެއަލް މެޑްރިޑްގެ ޔޫތު ޓީމުތަކަށް އިރުޝާދު ދިނުމާއި، ރެއަލް މެޑްރިޑުގެ ކޯޗުގެ ގޮތުގައި ހޯދި ބޮޑެތި ކާމިޔާބީތަކާއެކު ޒިދާނަށް ސްޕޭނުގެ ފުޓުބޯޅަ ކޯޗުންނާއި ކުޅުންތެރިންވަނީ ވަރަށް ރަނގަޅަށް ދަސްވެފައެވެ. ސްޕޭންގެ ކުޅުންތެރިންނާއި ޒިދާނުއާވެސް އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ. ޒިދާންވަނީ ރިއަލްމެޑްރިޑްގެ ކޯޗަކަށްހުރެ ޗެމްޕިއަންސްލީގު ޖެހިޖެހިގެން 3 ފަހަރު ހޯދާ މިލްކުކޮށްފައެވެ.

ހުނަރަށް ބަލާނަމަ، ސްޕޭނަށްވުރެ ހުރިހާ ގޮތަކުންވެސް ފްރާންސްގެ ސްކޮޑު ވަރުގަދައެވެ. ޚާއްސަކޮށް، ފޯވާޑްލައިނެވެ. ފްރާންސްގެ ކޯޗުކަމާއި ޒިދާނު ހަވާލުވުމަށްފަހު، އެންމެ ބޮޑު އިސްކަމެއްދޭނީ މިޑްފީލްޑު ބިނާކުރުމަށެވެ. އެއީ، ފްރާންސްގެ ބަލިފައެވެ. ފްރާންސްގެ ކޯޗުކަމާއި ޒިދާނު ހަވާލުވުމަށްފަހު، ޓީމުގެ އޮނިގަނޑަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި، ކުޅުންތެރިން ސީނިއަރ ޓީމަށް ނެގުމުގެ ހައިރާކީވެސްވަނީ ބިނާކޮށްފައެވެ. ޒިދާނު ހަވާލުވުމަށްފަހު، ޓީމު އަލުން ބިނާކުރުމުގައި ސީނިއަރ ޓީމަށް އަލަށް ނަގާނެ ބައެއް ކުޅުންތެރިންގެ އަޑުވަނީ މީޑިއާގައި ގަދަވެފައެވެ. އޭގެ ތެރޭގައި، ކުރީގެ ކުޅުންތެރިޔާ ބެންޒެމާ، ބޯންމައުތަށް ކުޅޭ ޕްލޭމޭކަރ ކްރޫޕީ އަދި ޑިފެންޑަރ ޓްރޫފޭ، ލިޕްޒިގްގެ ލުކެބާ، ރެނޭސްގެ މީޑްފީލްޑަރ ސިސޭ، ސައޫދީގެ އަހުލީގެ މިޑްފީލްޑަރ އެންޒޯ މިލޯ، އިންޓަރ މިލާންގެ މިޑްފިލްޑަރ އެންޑީ ދިއޫފް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *