"ރައްކާތެރި އިންޓަނެޓް – މާދަމާގެ މުސްތަގުބަލު" ނަމުގައ ދުވާފަރުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

"ރައްކާތެރި އިންޓަނެޓް – މާދަމާގެ މުސްތަގުބަލު" ނަމުގައި ރ. ދުވާފަރުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ދުވާފަރުގައި މި މަހުގެ 8 ވަނަ ދުވަހު މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ސައިބަރ ސެންޓަރާއި، ދުވާފަރު ޕޮލިސް ސްޓޭޝަނާއި، ކައުންސިލާއި، ދުވާފަރު ޕްރައިމަރީ ސުކޫލު އަދި ޓައިނީ ސްޓަރ ޕްރީ ސުކޫލު ގުޅިގެންނެވެ.

ފުލުހުން ބުނީ ބެލެނިވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެގޮތާއި، ދަރިން ބޭނުންކުރާ އިލެކްޓްރޯނިކްސް ޑިވައިސްތައް މޮނީޓަރކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ފޯނުގެ ސެކިއުރިޓީ ފީޗާސްތައް ކިޔައިދީ އެކި އެޕްލިކޭޝަންތަކުގެ ސެޓިންގ ހަދާނެގޮތްތައް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވާނެ ކަމެވެ.

އޭގެ އިތުރުން، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ދަރިންނަށް ބުނެދިނުމަށާއި އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން އެ ކުދިން ރައްކާތެރިކުރުމަށް ބެލެނިވެރިން މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާއިން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ މައުލޫމާތާއި ފޮޓޯ، ވީޑިއޯ އެއްވެސް މީހަކާ ހިއްސާނުކުރުމަށް ދަރިންނަށް ބުނެދިނުމަށާއި، ގްރޫމްކުރުމާއި، ބްލެކްމެއިލްކުރުން ފަދަ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ދަރިންނަށް ބުނެދިނުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ވޯކްޝޮޕްގައި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށާއި، އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ފީޗާސްތަކަށް ބެލެނިވެރިން އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ގުރޫޕް މަސައްކަތްތަކާއި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ވޯކްޝޮޕްގައި 64 ބެލެނިވެރިން ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *