މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4″ އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާއި، ހޯމް މިނިސްޓަރ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށް ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައިވެއެވެ.
މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ، ހާދިސާގެ ޚަބަރު ލިބުމާއެކު އެރޭ ދަންވަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުން ގުޅިގެން، ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި މި ބައްދަލުވުމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާކުރައްވާފައިވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ރައީސް ދުޢާކުރައްވާ ކަމަށާއި އާއިލާއަށް ހިތްވަރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިހްސާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ސާޖަންޓް ނާފިޢު މަސައްކަތް ކޮށްފައިވަނީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވައި ކޮމިޝަނަރ ވިދާޅުވީ މި މަސައްކަތުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި އެއްވެސް ކަމެއް ދޫކޮށްނުލައްވާނެކަމަށެވެ.
އަދި މި ހިތާމާގައި ދިވެހި އެންމެހާ ފުލުހުން ބައިވެރިވާ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން، މި ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާފައިވާނެ ކަމަށާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަންވެސް ހިނގަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޯގަސްޓް 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4″ ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އޯގަސްޓް 5 ވަނަ ދުވަހުގެ ރޭގަ އެވެ.
އެވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން އާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ މި ހާދިސާގައި ގެއްލިފައެވެ.