2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރު: ރައީސް

ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަ ޕްލަސް އިން ގެނެސްދޭ ސިލްސިލާ ޕްޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށާ، މީގެ ތެރެއިން ބައެއް މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށްވާނެ ކަމަށެވެ.

ތަރައްގީގެ ބައެއް މަސްރޫއުތައް މަޑުޖެހިފައިއޮތް އޮތުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެންކުރިއަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާ، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ތަންފީޒުކުރެއްވިކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ޚިދުމަތްތަކެއް ހުންނަ ކަމަށާ، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައްވެސް ހިނގަމުންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އިތުރަށް ރައީސް ވިދާޅުވީ އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައިކަން ކަމަށާއި، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރިއަށްގެންދަވާ މަޝްރޫޢުގެ މަސައްކަތްތައް ނިންމާ، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި މި އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތްކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުންވެސް ކައުންސިލް އިދާރާތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަކީވެސް އެކަމުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް އެކުލެވޭ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ރަނގަޅު ގޮތެއްގައި ކުރެވިއްޖެކަމުގައި ވަނީނަމަ، މިއީވެސް ދެކޮޅުޖެހޭނެ މަޝްރޫޢުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭ ސަރަޙައްދުގައި ތަރައްޤީ ކުރަމުންދާ ތިލަމާލޭ ބްރިޖުގެ މަޝްރޫޢުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާޒީގައި މިމަޝްރޫޢު ހިނގަމުން ދިޔަ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެއާ ޚިލާފަށް ހަލުވި ދުވެލީގައި މިމަޝްރޫޢު މިހާރު ކުރިއަށް އެބަދާކަމަށާ، މާ ލަސްތަކެއްނުވެ، ބުރިޖުގެ މަޝްރޫޢު ނިމޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *