50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ޓެކްސް ނެގުން ހުއްޓާލާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެންބަރު، އިބްރާހިމް ޝިފާޒް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އިސްލާހުގައި ވަނީ ރާއްޖެއަށް ކުނި އެތެރެ ކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައެވެ. އަދި 50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން ހުއްޓާލުމަށްވެސް އެއިސްލާހުގައި ހިމަނާފައިވެއެވެ.
އަދި ކުނި މެނޭޖުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި، ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ އެއްގޮތަށް ކުނީގެ ކަންކމުގައި އަމަލުކުރުމަށް މި ބިލުން ލާޒިމްކުރެއެވެ.