އެކްސްޕްރެސް މަނީ އެކްސްޗޭންޖު ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފައިވާ ބޭރުފައިސާ މާރުކުރުމުގެ ލައިސަންސް ބާތިލުކޮށްފި އެވެ.
އެކަން ހާމަކޮށް އެމްއެމްއޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން އެ ކުންފުނިން ޤަވާއިދާ ޚިލާފުވެފައިވާކަން ފާހަގަކުރެވުމާ ގުޅިގެން، އެ ކުންފުންޏަށް ދޫކޮށްފައިވާ ބޭރު ފައިޗާ މާރުކުރުމުގެ ލައިސަންސް މިދިޔަ ބުރާސްފަތި ދުވަހު (20 އޯގަސްޓް 2026) ގައި ބާތިލްކޮށްފައިވާ ކަމަށެެވެ.
އަދި އެ ބަޔާނުގައި އެމްއެމްއޭ އިން ބުނެފައިވަނީ ބޭރުފައިސާ ގަނެ ވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ދޫކޮށްފައިވާ ހުރިހާ ފަރާތްތަކުންވެސް ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގާ ހިންގުމުގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.
އެމްއެމްއޭގެ މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ޤަވާއިދު ބަޔާންކުރާ ގޮތުގައި، މިފަދަ ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ސުޕަވައިޒް ކުރުމުގެ ފުރިހަމަ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި އަންގާ ވަގުތެއްގައި އެދޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. މީގެއިތުރުން، ވިޔަފާރިތައް ހިންގަމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށްޓަކައި އެމްއެމްއޭގެ އޮފިސަރުން ނުވަތަ އެ އޮތޯރިޓީން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އޮންސައިޓް އެގްޒެމިނޭޝަންތައް ހިންގުމުގެ އިޚްތިޔާރު ވެސް އޮވެއެވެ.
މިފަދަ އެގްޒެމިނޭޝަންތަކުގައި، ބޭރު ފައިސާ ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި، ވިޔަފާރީގެ ހުރިހާ ރެކޯޑުތަކެއް އަޅާކިޔައި ޗެކްކުރެއެވެ. މި ބެލުމުގެ ތެރެއިން މުޢާމަލާތްތަކުގެ ރެކޯޑުތައް ދިމާނުވާނަމަ ނުވަތަ ޤަވާއިދާ ޚިލާފު ކަމެއް ފެނިއްޖެނަމަ، 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި ވިޔަފާރި ލައިސަންސް ބާތިލްކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވެއެވެ.