ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ގުޅޭ ބައިނަލްއަޤްވާމީ މުހިންމު 2 ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފައިނޭންސް މިނިސްޓްރީން ބުނެފި އެވެ.
"ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026″ އަދި މުޅިން އަލަށް ތަޢާރަފުކުރާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަަށާއި އެގޮތުން މި މަހުގެ 23 އިން 25 އަށް މާލޭގެ ބާސެލޯ ނަސަންދުރަ ހޮޓަލުގައި އެ 2 ފޯރަމް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މުހިންމު ބައްދަލުވުންތަކަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރާއި، އދ.ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަންރޮސް) ގުޅިގެން އިންތިޒާމުކުރާ ފޯރަމްތަކެކެވެ.
އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފޯރަމްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު ބޭއްވި ސިޑްސްގެ 4 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށާއި ގުޅުން ބަދަހިކުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. އެ ކޮންފަރެންސްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޕްލިނަރީ ސެޝަންތައް ޗެއަރ ކުރައްވާފައިވާއިރު، ރާއްޖެއިން ވަނީ ތަފާތު ޕެނަލްތަކުގައި ބައިވެރިވެ، ހައި-ލެވެލް ސައިޑް އިވެންޓުތައް ބާއްވައި، ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާއެއްގެ ގޮތުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ވިޔަފާރިތަކާއި، އިންވެސްޓަރުން، އެހީދޭ ފަރާތްތައް އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް ތަޖުރިބާ ޙިއްޞާކުރުމެވެ.
މީގެއިތުރުން، މިއަހަރު އަލަށް އިފްތިތާޙުކުރާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އަކީ "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބްސް)" ގެ ދަށުން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގެ އަމާޒަކީ ޖަޒީރާ ޤައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަނެ، އިންވެސްޓަރުން ހޯދުމާއި ދުނިޔޭގެ ފެންވަރުގައި ގުޅުން ބަދަހިކުރުމެވެ.
މި ފޯރަމްގެ ތެރެއިން ރާއްޖެއިން ތަރައްޤީގެ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކާއި އީޖާދީ މަސައްކަތްތައް ބައިނަލްއަޤްވާމީ ފަރާތްތަކާ ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޢާދަކުރަނިވި ހަކަތަ އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމަށް ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްދާނެއެވެ.
މި ފޯރަމުގައި ދުނިޔޭގެ 30 އަށް ވުރެ ގިނަ ޤައުމުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.