މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ހުޅުމާލެ ލޮޓް 11279 ކައިރިން، ހުޅުމާލެ 01-1-149 ޔޫނުސް މުހައްމަދު ފާއިޒް (18އ) ފުލުހުން ފެނުމުން އެއްޗެއް ފޮރުވައި ދުވެފައިގޮސް ފިލަން މަސައްކަތްކުރުމާ ގުޅިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އަދި އޭނާ ފޮރުވަން މަސައްކަތްކުރި ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 153 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.16 ގުރާމް ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.




