މާރުކޮށްގެން ދައުލަތަށް ލިބޭ ބޭރު ފައިސާ ބޭނުންކުރާނީ ރައްޔިތުންގެ މަންފާއަށާއި ރައްޖެއަށް ބޭނުންވާ މުހިންމު ކަންކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދަޅުވެއްޖެ އެވެ.
ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ރިސޯޓްތަކުގެ ޚަރަދުތަކާއި ހިންގުމަށް އެއްވެސް ދަތިކަމެއް ނައިސް އެކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
އަދި އެ ބަދަލު ގެންނަން ނިންމީ ޢިލްމީ ފަންނީ އަދި ޤާބިލު ފަރާތްތައް މެދުވެރިކޮށް، ތަފާސް ހިސާބުތަކަށް ބަލާ، ވަރަށް ބޮޑަށް ދިރާސާކުރުމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުރިން ޤާނޫނުގައިވާގޮތުން އެފަރާތްތަކުން މާރުކުރަންޖެހޭނީ އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ %20 އެވެ.
ނަމަވެސް ސަރުކާރުން މިހާރު މި ގެނައި އިސްލާހާއެކު، ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %40 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
ރައީސް ވިދާޅުވީ އާމްދަނީގެ %40 އެމްއެމްއޭއަށް މާރުކުރި ނަމަވެސް، ރިސޯޓްތަކުގެ ހިންގުމަށް އެއްވެސް ދަތިކަމެއް ނައިސް އެކަން ކުރެވޭނެކަމަށެވެ.
ހިސާބުތަކުން އެބަ ފެނޭ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން. ލޯނުތައް މުސާރަ އަދި ޚަރަދު ކަނޑާފައި ޑޮލަރުން %40 ދެއްކޭނެ. މިއީ ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިއީ ޤައުމީ ޒިންމާއެއްގެ ގޮތުގައި ދެކިގެން މިކަމުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ފަރުވެރިކަމުގެ ސިނާޢަތަށް 5.6 ޑޮލަރު ލިބުނުއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެތެރެއަށް ވަނީ 3.8 ބިލިޔަން ޑޮލަރުކަމަށާއި، މީގެތެރެއިން ބޭންކަށް މާރުކޮށްފައިވަނީ %21 ކަމަށެވެ.
އަދި މި ޤާނޫނު އައުމުގެ ކުރިން މާރުކުރަމުންދިޔައީ %10ކަމަށް ރައީސްވަނީ ވިދާޅުވެފައެ އެވެ.




