މިއީ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ ދަށުން ބޭރު ފައިސާ ގަނެވިއްކޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށް ކަމަށް ކަނޑައަޅައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15,000,000.00 (ފަނަރަ މިލިއަން) އިން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.
އަދި ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ.
އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޓޫރިޒަމް ދާއިރާ ފިޔަވައި، ބޭރުފައިސާ އިން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ 7 އިންސައްތަ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމް.އެމް.އޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންވާނެކަމަށްވެސް އެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ރަސްމީކޮށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ.
އަދި މި ކުށްތަކަށް ދެވޭ އަދަބެއްގެ ގޮތުން އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު، ޤާނޫނީ ޝަޚްޞުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.




