ލައިވް ޕްރޮގްރާމެއްގައި ފޯނު ކޯލެއް ލައިވްކުރާ ނަމަ ގުޅާ ފަރާތަކަށް ސާފުކޮށް އެކަން އަންގަން ޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން (އެމްއެމްބީސީ) އިން ބުނެފި އެވެ.
ބްރޯޑް ކާސްޓިންގ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ޤާނޫނުއަސާސީގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންނާއި ކުރަން ޖެހޭ ޒާތީ މުޢާމަލާތްތަކަކީ ހުރުމަތްތެރިވާ ތަންތަނާއި ކަންކަންކަމަށް ބަޔާންކޮށްފައިވާ އިރު، އެ ހައްޤުތަކަށް ހުރިހާ ފަރާތަކުން ވެސް އިޚްތިރާމް ކުރަންޖެހޭނެ ކަމަށެވެ.
އެގޮތުން އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، ހޯދި މަގްސަދަށް އެކަނި ބޭނުންކުރުމާއި، މައުލޫމާތުގެ ސައްހަކަށް ކަށަވަރުކުރުމާއި، ޒާތީ މައުލޫމާތާއި މަސްދަރު ރައްކާތެރިކޮށްް ސިއްރުކޮސް ދެމެހެއްޓަންޖެހޭއިރު، ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ކޯލުތަކާއި، އިންޓަވިއުތަކާއި، ލައިވް ޕްރޮގްރާމް ހިމެނޭހެން އެހެނިހެން މުޢާމަލާތްތައް ބްރޯޑްކާސްޓް ކުރުމުގައި ޤާނޫނުތަކާއި، ޤަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކާއި ފަންނީ ހަމަތަކަށް، ރިޢާޔަތް ކުރުމަށް ގޮވައިލާ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަމަހައްޓަން ޖެހޭ ސުލޫކީ މިންގަނޑު ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައިވާ ކަމަށާއި، ވަކިން ޚާއްސަކޮށް އެ ޤާނޫނުގެ 39 ވަނަ މާއްދާގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ހުރުމަތް ރައްކާތެރިކުރުން ލާޒިމްކޮށްފައިވާކަމަށެވެ.
އެހެންކަމުން ފޯނު ކޯލަކަށް ޖަބާބުދޭ ނުވަތަ މުއާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ އެ މުއާމަލާތެއް އާމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއްނެތް ފަރާތެއްކަން ކަށަވަރުކުރަންޖެހޭނެ ކަމަށް އެ ކ9ޮމިޝަނުން ބުނެފައި ވެއެވެ.
އަދި ފޯނު މުއާމަލާތެއް ވަގުތުން ލައިވްކުރަން ގަސްދުކުރާނަމަ އެ ފޯނުކޯލަކީ ވަގުތުން ބްރޯޑްކާސްޓް ކުރެވެމުންދާ ކޯލެއްކަން އެމީހަކަށް ސާފުކޮށް އެނގެންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.




