ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ވެރިކަމަށް ވާދަކުރެއްވުމަށް، ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ނުބާއްވާ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން ޕީއެންސީގެ ކޮންގްރެސްއަށް މި ގަރާރު ހުށަހަޅާފައި ވަނީ އެ ޕާޓީގެ މެންބަރު އަބްދުﷲ އިބްރާހީމެވެ.
ގަރާރާ މެދު ގޮތެއް ނިންމަން އަތް ހިއްލައިގެން ނެގި ވޯޓުގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުން ވަނީ އެ ގަރާރު ފާސްކޮށްފައެވެ.
އެ ގަރާރުގައި ރައީސަށް ޓިކެޓު އަރުވަންޖެހޭ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
- ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވައި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރެއްވުމުން.
- ރައްޔިތުންނަށް ދަތި ނުވާނޭހެން ގައުމުގެ ދަރަނިތައް އަދާކުރައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ޒަމާނީކޮށް އިގްތިސާދު ސިންދަފާތުކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް.
- "ރަސްމާލެ" ފަދަ ބިޔަ މަޝްރޫއުތަކާއެކު ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، ޑިޖިޓަލް އިގްތިސާދާއި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީކުރުން.
- ދިވެހި ގައުމިއްޔަތާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމާއެކު، ދިވެހި ގައުމު އިސްކުރާ ޚާރިޖީ ސިޔާސަތެއްގެ ދަށުން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރެއްވުން.
މި ޤަރާރަށް ތާއީދުކޮށް ބަހުސް ކުރަން ގިނަ މެމްބަރުން ފުރުސަތައް އެދެނެވެ. ނަމަވެސް ވަގުތު ނެތުމުގެ ސަބަބުން ފުރުޞަތު ލިބުނީ މަދު މެމްބަރަކަށެވެ.




