ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިންތިހާއަށް އިތުރުވުމާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރު (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމާއި ބޭންކުތަކުގެ މެދުގައި ހިންގާ ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ދިމާވި ދަތިތައް އަންނަ ހަފުތާ ނިމެންވާއިރަށް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު މިހާރު ކޮންޓްރޯލްކުރެވި، ލިބޭ ޑޮލަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. މިއީ ބޭންކުގެ ބެލެންސް ޝީޓުގެ ނުވަތަ އޮޕަރޭޝަންގެ ބަލިކަށިކަމަކުން ދިމާވި ކަމެއް ނޫން ކަމަށާއި، މިއީ ބައިނަލްއަގްވާމީ ބާޒާރުގައި ޑޮލަރުގެ ޑިމާންޑާއި ސަޕްލައިގެ ދެމެދުގައި އުފެދުނު ވަގުތީ ނުތަނަވަސްކަމެއް ކަމަށް އެ ބޭންކުން ޔަގީންކަން ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން ބޭންކުން ވަނީ އީ-ކޮމާސް މުއާމަލާތްތަކަށް މަހެއްގެ މައްޗަށް 16 މިލިއަން ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެކި ބޭނުންތަކަށް ބީއެމްއެލުން ވަނީ 653 މިލިއަން ޑޮލަރު މާކެޓަށް ދޫކޮށްފަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޭންކުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ވީހާވެސް ލުއިފަސޭހަގޮތްތަކެއް ހޯދައިދެމުން، މާލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.




