މިއަހަރުގެ ފުރަތަމަ 8 މަސްތެރޭ ހިލޭއެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ އިން ފެށީގެން އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އަދި މި އަދަދަކީ 2026 ވަނަ އަހަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 373 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.
މީގެ އިތުރުން ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 28.7 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 6.2 އިންސައްތައިގެ ކުރިއެރުމެކެވެ.




