ޗައިނާގެ ހައިނާން ޔުނިވާސިޓީ އާއި ގުޅިގެނަ މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް ޕްރޮގްރާމް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީ އާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން މިމަހުގެ 21 އިން 22 އަށް ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމު ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ކޮންގް ޝިންހުއާ އެވެ.
މި ޓްރެއިނިންގް ޕްރޮގުރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަސީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާ ގުޅޭ ގޮތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށާއި، ހަލާކުވަމުންދާ މުރަކަ އަދި ފަރުތައް އިޔާދަ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުންވެސް މި ޕްރޮގުރާމުގައި މައުލޫމާތު ދެއްވާނެ ކަމަށް އެ މިނިސްޓްރީން ބުނެޢެވެ.
މި ޕްރޮގުރާމުގައި ފިޝަރީޒް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ އާއި، މިފްކޯ އާއި އެންވާރަމަންޓް މިނިސްޓްރީ އާއި، އެންވައިރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓްރނޭޝަނަލް ހައި ސްކޫލްގެ ފަރާތުން 51 ފަރާތަކުން ބައިވެރިވެއެވެ.




