ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ ކުންފުނި "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ.
"ދަ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ކުރިއަށްގެންދާ މި އިންޓަގްރޭޓެޑް މަޝްރޫއުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓާތަކާއި ރިޒޯޓުތަކާއި، އަގުބޮޑު ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ގާއިމުކުރާނެ ކަމަށް ސަރުލާރުން ބުނެއެވެ.
މީގެ އިތުރުން ވޯކްވޭތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން މަތީ ފެންވަރުގެ ވެލްނަސް ސެންޓަރުތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ ކުންފުނި "އީގަލް ހިލްސް" އިން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 20 ބިލިއަން އެމެރިކާ ޑޮލަރު އެވެ.
އަދި އީގަލް ހިލްސްއިން ބުނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އަގު 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން މަޝްރޫއު އެއްކޮށް ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށްވެސް އެކުންފުނިން ލަފާކުރެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ މުޅި މުއްދަތުގައި 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ގައުމުގެ އިގްޤްތިޞާދަށް ވަންނާނެ ކަމަށްވެސް އެ ކުންފުނިން އަންދަޒާ ކުރެއެވެ.
މިއަދު ދުބާއީގައި ބޭއްވި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލާ އައްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.




