ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.
"ނިއޯކެއަރ 2026 – ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް، ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަންޖެހޭ ކަމަށެވެ.
ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ، ޚާއްޞަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ޞިއްޙީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރުކުރުމަށް ގޮވާލައްވައި އެކަމަނާވަނީ، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން ފާހަގަކުރައްވާފައެވެ.
ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް ޚާއްޞަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ޞިއްޙީ ޚިދުމަތްތެރިންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ޞިއްޙީ ފަންނީ ބޭފުޅަކަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މި މަސައްކަތަށް އެއްބާރުލުން ދިނުމުގައި "ނިއޯކެއަރ" ގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 މަންދޫބުން، މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ހަރުދަނާކުރުމަށާއި ކަންކަން ނިންމުމުގައި މަގުދައްކައިދިނުމަށް، ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއާވާލެއްވިއެވެ.




