ހިމަބިހި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ހިމަބިހީގެ އެކްޓިވް ކޭސްއެއް މިހާރު ރާއްޖޭގައި ނެތް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، މިއަހަރުގެ މެއި މަހު ރާއްޖެއިން ހިމަބިހީގެ ފުރަތަމަ ކޭސް ފެނުނުފަހުން މިހާތަނަށް 282 މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށެވެ.
ނަމަވެސް މިހާރު އެބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެގޮތުން މިވަގުތު އެ ބަލިޖެހިފައިވާ އެއްވެސް މީހަކު ރާއްޖޭގައި މިވަގުތު ނެތްކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.
އަދި ރާއްޖެއިން މިއަހަރު ހިމަބިހި ފެނުނުފަހުން 16000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.




