30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެއްކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
އަދި އެކަމަކީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި "ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން" ހަރުކުރެވިފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.




