ކުރެންދޫގައި ހުންނަ ޅ. އަތޮޅު ސުކޫލު ދަރިވަރުންނަށް ލީޑަރޝިޕް ކޭމްޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 3 ވަނަ ދުވަހު އެ ސުކޫލުގެ ޔަންގް ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެންގެން ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ކުރެންދޫ ޕޮލިހާއި އެ ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
މި ކޭމްޕުގައި، ލީޑަރޝިޕްގެ މުހިންމުކަމާއި، ކާމިޔާބު ލީޑަރަކަށް ވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ވަގުތު މެނޭޖްކުރާނެ ގޮތްތައް ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބޭސިކް ފަސްޓް އެއިޑްގެ މައުލޫމާތާއި، ދިރިއުޅުމުގެ ރިވެތި އާދަކާދަތަކުގެ އިތުރުން އަހުލާގު ރަނގަޅު ދަރިވަރުންގެ ގޮތުގައި ދެމިތިބުމަށް ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ‘މުސްލިމް ލީޑަރުން’ ގެ މާނައާއި މަގާމާ ގުޅޭގޮތުން ދަރިވަރުންނަށް ދީނީ ނަސޭހަތް ދީފައިވެއެވެ. އަދި ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައިކަމަށް ފުލުހުން ބުނެއެވެ.
އަދި މި ކޭމްޕުގެ ތެރެއިން އެ ސުކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.




