އުމުރަށް ޖަލަށް ލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގްލޯޑް އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ގާނޫނާ ހިލާފަށް މިނިވަންކުރި މައްސަލައިގައި ޕެރޯލް ބޯޑުގެ މެންބަރުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވީ އެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް ޕެރޯލް ބޯޑުގައި 9 މެންބަރުން ތިއްބަވާ ކަމަށާއި ނަމަވެސް ޕެރޯލްގެ ގާނޫނާ ހިލާފަށް އަބްޗާ މިނިވަންކުރި މައްސަލާގައި އެ ބޯޑުގެ ހުރިހާ މެންބަރުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ އިހުސާނު ވިދާޅުވީ އަބްޗާ މިނިވަންކުރީ ޕެރޯލްގެ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން ގާނޫނާ ހިލާފަށް އަބުޗާއަށް ދިން ޕެރޯލް އުވާލައި، އޭނާ މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައި ކަމަށެވެ.
އަދި އިތުރަށް މިނިސްޓަރ އިހުސާނު ވިދާޅުވީ އަބުޗާގެ މައްޗަށް 12 އަހަރާއި 6 މަހުގެ 3 ހުކުމެއް އިއްވާފައިވާއިރު، ޕެރޯލް ގާނޫނު ބުނާގޮތުން އަބްޗާއަށް ޕެރޯލްގެ ލުއި ދެވޭނީ ހުކުމް ތަންފީޒްކުރާތާ 6 އަހަރާއި 3 މަސް ހަމަވުމުން ކަމަށެވެ.
އެހެންކަމުން އެ މުއްދަތު ގުނުމުގައި ޕެރޯލް ބޯޑުން އަމަލުކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ކަމަށްވެސް ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދަޅުވި އެވެ.




