ބްރިޖް ހައިވޭ، މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި ހިނގި އެކްސިޑެންޓެއްގައި 3 މީހަކު ޒަޚަމުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 16:55 ހާއިރު ރިޕޯޓްކޮށްފައިވެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން އަންހެނެއްގެ އަތް ބިންދައިގެންގޮސް އެކިވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި އަނެއް 2 މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިދުވަސްވަރު މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް އާދަޔާ ހިލާފަށް ގިނަކަން ފާހަގަކުރެވެއެވެ. މީގެތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގަނީ ޤަވާއިދާ ހިލާފަށް ދުއްވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.




