ފޯބްސްއިން ހޮވި އެންމެ ހިންގުންތެރި ބޭންކުތަކުގެ ތެރޭގައި ބީއެމްއެލް ހިމެނިއްޖެއެވެ.
ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026″ ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ރިއާޔަތްކޮށްފައިވެއެވެ. މި ލިސްޓު ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު، ޓިއަރ 1 ގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެއެވެ. މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނެއެވެ.
ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ. މި ޓިއަރގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
މި ކާމިޔާބީން ދޭހަކޮށްދެނީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި ބީއެމްއެލްގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ބޭންކުގެ ބެލެންސް ޝީޓުގެ ހަރުދަނާކަންކަމަށް ބީއެމްއެލްއިން ބުނެއެވެ.
މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާއި ގުޅޭ ގޮތުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން ކަމަށެވެ.




