ހެޔޮގޮތުގައި ދަރިންތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ނ. މަގޫދޫ ސުކޫލު ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ފުލުހުންގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މަހު 14 ވަނަ ދުވަހު މަގޫދޫ ސުކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ މަގޫދޫ ޕޮލިހާއި ކައުންސިލު ގުޅިގެން ކުރިއަށްގެންދާ “އަމާން މަގޫދޫ” ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށެވެ.
އެގޮތުން ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމަށްޓަކައި އަންނަން އޮތް ޖީލު ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަމާއި ތަރުބިއްޔަތު ކުރުމުގައި ވިސްނަންޖެހޭ ކަންކަމުގެ މައްޗަށް މިޝެޝަނުގައި މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ދަރިންނަށް ރީތި އަހުލާގާއި، ތެދުވެރިކަމާއި، ޒިންމާދާރުކަން ދަސްކޮށްދިނުމުގައި ބެލެނިވެރިން އަމިއްލަ ނަފުސުން ނަމޫނާ ދެއްކުމުގެ މުހިންމުކަން ބުނެދިނުމުގެ އިތުރުން ދަރިން ކުޑައިރުން ފެށިގެން ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި މީހުންނަށް އިހުތިރާމުކުރުމާއި ބަސްއެހުމުގެ ރީތި އާދަތައް އަށަގެންނެވުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ބެލެނިވެރިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދަރިންނާއެކު ވަގުތު ހޭދަކުރުމާއި، ކަންކަމުގައި އެ ކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްދީފައިވެއެވެ. އަދި ކުދިންގެ ކިބައިން ނުރަނގަޅު ކަމެއް ފެނިއްޖެނަމަ، ހަރުކަށިވުމުގެ ބަދަލުގައި އެކަން ރަނގަޅުކުރާނެ ގޮތް ލޯތްބާއެކު ވިސްނައިދިނުމާ ހަނދާންކޮށްދީފައިވެއެވެ.
ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް، އަންނަން އޮތް ޖީލު ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އަހުލާގު ރަނގަޅު ދަރިންތަކެއް އުފެއްދުމަށް މިފަދަ ޕްރޮގްރާމުތަކަކީ ބޭނުންތެރި ޕްރޮގްރާމުތަކެކެވެ. މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން، ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ވިސްނަންޖެހޭ މުހިންމު ކަންކަން ދެނެގަތުމަށާއި، ދަރިންނަށް ރީތި އަހުލާގާއި، ތެދުވެރިކަމާއި، ޒިންމާދާރުކަން ދަސްކޮށްދިނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.




