މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އަންނަ ޑިސެމްބަރު މަހުގެ 3 އިން 7 އަށް ބާއްވާ ބަހުސް މުބާރާތުގެ މައުލޫ އަކީ "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ މި މުބާރާތުގައި ޓީމްތައް ބައިވެރިކުރުމުގެ ފުރުސަތު މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކަޑަމީތަކާއި، ކްލަބް ޖަމިއްޔާތަކާއި، އޮފީސްތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލކާފައެވެ.
ޓީމެއްގައި 3 ބައިވެރިން ތިބެންޖެހޭއިރު، ރިޒާވްގެ ގޮތުގައި އިތުރު 2 ބައިވެރިން ހިމެނުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހާ ހަމައަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށް މި މުބާރާތުގައި ބައިވެރިވެވޭއިރު އޭގެ ތެރެއިން އެންމެ މޮޅު 3 ބައިވެރިންނާއި، އެންމެ ކާމިޔާބު 3 ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރ 5 ވަނަ ދުވަހުގެ 14:00 އެވެ.




