އަވަށްޓެރި އިންޑިއާގައި ދަނޑުވެރިކަމާ ގުޅޭގޮތުން އަލަށް ފާސްކުރެވުނު ޤާނޫނުތަކާމެދު ހިތްހަމަނުޖެހި އެކަމާ ދެކޮޅަށް ދަނޑުވެރިން ކުރަމުންގެންދާ އިޙްތިޖާޖުތައް ފުޅާކޮށް، އެތަކެއް ހާސް ދަނޑުވެރިންނެއް އުޅަނދުތަކާއެކު މަގުތަކަށް ނުކުމެ ވެރިރަށް ދިއްލީގެ މުހިންމު ދެ ހައިވޭއެއް ބަންދުކޮށްފިއެވެ.
އަލްޖަޒީރާނޫހުގެ ފަރާތުން ދިއްލީގައި ހުންނަ ރިޕޯޓަރު އެލިޒަބަތާ ހަވާލާދީ އެނޫހުން މިއަދު ހާމަކޮށްފައި ވާގޮތުގައި، އެތަކެއް ހާސް ދަނޑުވެރިންނެއް އެތަކެއް ސަތޭކަ އުޅަނދުފަހަރާއެކު މަގުތަކަށް ނުކުމެ، ދިއްލީއާއި ހަރްޔާނާ ސްޓޭޓް ގުޅޭ ބޯޑަރު ސަރަޙައްދު ކައިރިއަށް އެއްވެ، ވެރިރަށް ދިއްލީއަށް ދިއުމަށް އޮންނަ މައިގަނޑު ދެ ހައިވޭއެއް އެއްކޮށް ބަންދުކޮށްފައިވެއެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިންފެށިގެން ފެށުނު މިމުޒާހަރާތައް، ފާއިތުވެދިޔަ ހަފްތާއިން ފެށިގެން ވަރުގަދަކުރަމުން އަންނައިރު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވިދާޅުވެފައި ވަނީ، ދަނޑުވެރިން ކުރަމުންގެންދާ މުޒާހަރާތަކަކީ އިދިކޮޅު ފަރާތްތަކުން ދަނޑުވެރިންނަށް ޤާނޫނާ ބެހޭގޮތުން ނުބައި މައުލުމާތުދީ އޮޅުވާލައިގެން ކުރިއަށް ގެންދާ އެއްވުންތަކެއް ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގައި އަލަށް ފާސްކުރެވުނު ޤާނޫނުތަކުގެ ސަބަބުން ދަނޑުވެރިންނަށް ކުރާނީ އިތުރު މަންފާކަމުގައި ވިދާޅުވާ ވިދާޅުވުން ބޮޑުވަޒީރު މޯދީ ވަނީ އިއްޔެވެސް ތަކުރާރުކުރަށްވާފައެވެ. އެހެންނަމަވެސް ދަނޑުވެރިން ބުނަމުން ގެންދަނީ، އެޤާނޫނުތަކުގެ ސަބަބުން ދަނޑުވެރިންނަށް މިހާރު ލިބޭ އެންމެ ކުޑައަގުވެސް ދެން ނުލިބި، ވިޔަފާރިވެރިން ބޭނުންވާ އަގެއް ކަނޑައައެޅުމުގެ ފުރުޞަތު ފަހިވެގެންދާގޮތަށް ޤާނޫނު ފާސްކޮށްފައިވުމުން، ދަނޑުވެރިންނަށް ލިބެމުންއައި މަދު އާމްދަނީއާމެދުވެސް ޔަޤީންކަމެއް މިހާރު ނެތްކަމަށެވެ.
އިންޑިއާގެ ދަނޑުވެރިން ކުރަމުންގެންދާ މުޒާހަރާގެ ބައިވެރިން ވެރިރަށް ދިއްލީއަށް މިސްރާބު ޖަހާފައިވާއިރު، އިންޑިއާގެ ސަރުކާރުން ވަނީ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމަށް ދަނޑުވެރިންނަށް ދައުވަތު ދީފައެވެ. އިއްޔެގެ ވަގުތެއްގައި ބޮޑުވަޒީރު މޯދީވެސް ވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.