ކުޑަކުންދިންނަށް ކުރާ ޖިންސީ އަނިޔާއާމެދު ހޭލުންތެރިކުރުމަށް ތައްޔާރު ކުރެވިފައިވާ ޕޯސްޓަރެއް
ކުޑަކުންދިންނަށް ކުރާ ޖިންސީ އަނިޔާއާމެދު ހޭލުންތެރިކުރުމަށް ތައްޔާރު ކުރެވިފައިވާ ޕޯސްޓަރެއް

މަންމަގެ މަދަދާ އެކު ދޮންބައްޕަ އާއި ދޮންކާފަގެ ރޭޕްގެ ޝިކާރައަކަށް ވީގޮތް، ހިލަނޫން ކޮންމެ ހިތެއް ރޮއްވާލާނެކަން ކަށަވަރު!

"ކޮއްކޮގެ އާދޭސް އަޑުއަހާނެ މީހަކު ނެތީމާ މިއަދާއި ހަމައަށް ނުބުނެ ހުރެފައި ދައްތަ ގާތު މިއަދު ހުރިހާ ވާހަކަތަކެއް މިބުނީ"

ޔަތީމު އަދި މަޢުޞޫމް ތުއްތު އެ އިންސާނާގެ ޢުމުރުން އެންމެ ހަ އަހަރުވެސް ނުފުރެއެވެ. ފިޠުރީ ގޮތުންވެސް "ބޮޑު" ވާނެ ދުވަހެއްވެސް ނޭނގެއެވެ. ދޮންބައްޕަގެ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ އެ އަނިޔާގެ ސަބަބުން ލިބުނު ވޭންތަކާއި އަނިޔާގެ ސަބަބުން ބޭރު ފުށަށް ފާއްދާލި ޖިސްމާނީ އަސަރުވެސް މަންމެ ހެދީ، ފިޠުރީ ގޮތުން ބޮޑު މީހަކަށްވުމުން އަންހެން ކުދިންނަށް ކުރިމަތިވާ "ކަންތައް" ކަމަށެވެ.

ތުއްތު މަޢުޞޫމު ދަރިފުޅުގެ ހިތުގައި ފިޠުރަތުން މަޔަކާމެދު ލައްވާފައިވާ ގާތްކަމާއި އިތުބާރުގެ ބޮޑުކަމާއި މައެއްގެ ފުށުން ކުރާ އުންމީދާއި މަޔަކު ދޭނެކަމަށް ޤަބޫލުކުރާ ރައްކާތެރިކަން، އެކުޑަ މަޢުޞޫމު ފުރާނައަށްވެސް ޤަބޫލުކުރެވިގެން އައިސް މަންމައަށް އެކަންތައް ކިޔައިދިނުމުން މަންމަ އެ ޖަވާބު ދިނުމުންވެސް، އެ ތުއްތު ދަރިފުޅު، މަންމައާމެދު ކުޑަވެސް ޝައްކެއް ނުކުރެއެވެ.

ދޮން ބައްޕަގެ ޖިންސީ ބޮޑެތި އަނިޔާގެ ޝިކާރައަކަށް ތަކުރާރުކޮށް ވެ، ޢުމުރުން އެންމެ ހަ އަހަރުން ފެށިގެން ސީދާ ރޭޕް ކުރެވެން ފެށުމާއެކު  ދެވަނަ ފަހަރަށްވެސް، މަންމަގެ ޙިމާޔަތާއި ރައްކާތެރިކަން ލިބޭނެކަމުގެ އުންމީދުގައި އައިސް މަންމައަށް އެ ވާހަކަތަށް ކިޔައިދިނެވެ. ނަމަވެސް މަންމައަށް އެކަން އެނގޭކަމަށްވެސް ނުހެދި ތަނުގައި އެ މަޢުޞޫމު ދަރިފުޅު ދައްކާއެއްވެސް ވާހަކައަކަށް ފަރުވާލެއް ނުބަހައްޓައި، އެ ޖަރީމާ ސިއްރުކޮށް ފޮރުވުމުގެ މަސައްކަތް މަންމަ ފެށިއެވެ.

މަޢުޞޫމު ޅަ ސިކުޑިއަށް އޮޅުވާލައި، އެވާހަކަތަށް "ލީކް" ވެދާނެހެން ހީވާ ދިމާކަމުގައިވާ، ނިޔާވެފައިވާ، ކުއްޖާގެ ބައްޕަގެ ޢާއިލާ މީހުންނަކީ ވަރަށް ނުބައި ބައެއްކަމަށް ކުއްޖާއަށް ވިސްނައިދީ ހަދަން ފެށިއެވެ. މަޢުޞޫމު ދަރިފުޅުގެ އެންމެ އަސާސީ ޙައްޤުތައް ކަމަށްވާ ކެއިން ބުއިމުންވެސް، ކުއްޖާ މަޙްރޫމްކޮށް ބަހައްޓަން ފެށިއެވެ. އިސްތިރި ޖެއްސުން ފަދަ ޖިސްމާނީ އަނިޔާތައް ދެމުންވެސް ދިޔައެވެ. މުޅި ޢާއިލާގެ ޚަރަދު ބަރަދު ބަލަހައްޓާ "ދީލަތި" ދޮންބައްޕައާ ބެހޭގޮތުން އެފަދަ "ހަޑި" ވާހަކައެއް ދަރިފުޅު މަންމަކައިރީ ދައްކަމުން ގެންދާކަމަށް ބުނެއެވެ.

މަޢުޞޫމު އަދި ޔަތީމު ތުއްތު އެކުއްޖާ އުޅެމުން ދިއައީ ބައްޕަ ފަރާތުގެ ޢާއިލާގެ އެއްވެސް މެމްބަރެއްވެސް ކުއްޖާއާ އެއްފަސްގަނޑެއްގައި އުޅެމުން ނުދާ، އަނިޔާވެރި "މަހުޖަނު" ދޮންބައްޕަގެ އުފަން ރަށުގައި ކަމުންނާއ،ި ކުއްޖާއަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަމައެކަނި ހުރި މީހަކީ، ޤުދުރަތުން ޙަވާލުކުރެވުނު އަމާނާތެއްކަމަށްވާ ތިމާގެ ބަނޑުއަޅައި ވިހޭ މަޢުޞޫމު ފުރާނައަށް ޚިޔާނާތްތެރި ވީ "މަންމަ" އެއް ކަން މުޖުރިމު ދޮންބައްޕައަށް ކަށަވަރު ވެފައި ވާތީވެ، މަޞްނޫޢީ ޖިންސީ އާލާތްތައް ބޭނުންކޮށްގެންވެސް ކުޑަ ކުޑަ މަޢުޞޫމު ތުއްތުކުއްޖާއަށް ޖިންސީ އަނިޔާތައް ދޭން ފެށިއެވެ.

މަންމައެކޭ ކިޔާނެ ނުވަތަ ކިޔޭނެ ހެއްޔެވެ!!! މަންމައެއްގެ ލަޤަބުވެސް އެ އަންހެނާއަށް ޙައްޤު ނުވާނެކަން ބުނަމުން ކުރިއަށް ދާނަމެވެ. އަޑުއައްސަވާށެވެ. އިންސާނަކަށް ވީތީވެ ފިޠުރަތުން ލައްވާފައިވާ ޞިފަތަކުގެ އަހުލުވެރިއަކުވެސް ނުކުރާނެފަދަ ކަންކަމެވެ.

އެ ތުއްތު ކުއްޖާ ސްކޫލަށް ގެންދިއުމަށް ބޮލުގައި ފުނާއަޅަން މަންމަ ހުންނަ ހިނދު، ދޮން ބައްޕަގެ މަޤާމުގައި ހުރި ރަޙުމެއް ނެތް އިންސާނާ، ޤާނޫނީ މަފްހޫމުގައި ބަލާނަމަ ކަނޑައެޅިގެން ރޭޕަށް ވާނެ ޖިންސީ އަނިޔާތަށް ކުއްޖާއަށް ދެމުން ދިއުމަކީ، އެތަކެއް ދުވަހަކު ކުއްޖާ ތަޙައްމަލުކުރަން ޖެހުނު އަނިޔާއެވެ.

ޝަރުޢީ ކައިވެންޏަކުން ކައިވެނިކޮށްގެން އެޅެމުންދާ ދެމަފިރިންނަށްވެސް ހުއްދަ ނުވާނެ "ކަންކަން" އެ މަޢުޞޫމް ތުއްތު ކުއްޖާއަށް ކުރުމަށް، "މަންމަ" ގެ މާއްދީ ޢަމަލީ މަދަދު ލިބިގެން ދިޔައީމައި ދެން އިތުރަށް، ދޮންބައްޕަ ކުރި ޖިންސީ އަނިޔާގެ ވާހަކަތަށް ދެއްކުން ހުއްޓާލުން ބުއްދިވެރިކަމަށް ދެކެމާހެއްޔެވެ!

ހަމައެކަނި ދޮންބައްޕައެއް ނޫނެވެ. "ދޮން" ކިޔުނު އެހެން މީހެއްގެ ފުށުންވެސް ހަމަ ސީދާ މިފަދަ އަނިޔާތައް ކުއްޖާއަށް ލިބިފައި ވެއެވެ. ހަމަ އެ "މަންމަ" ގެ މަދަދާއެކުއެވެ. އެއްފަހަރަކު ދެފަހަރު ނޫނެވެ. ފިޠުރީ ގޮތުން ބޮޑުނުވާއިރުން ފެށިގެން ދާދި އިހަކަށް ދުވަހަކާއި ޖެހި، ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ކުއްޖާ ބަދަލުކުރެވި ޒިންމާދާރު އޯގާތެރި ބައެއްގެ ޙިމާޔަތުގެ ދަށަށް ކުއްޖާ ގެނެވެންދެނެވެ. ދެތިން އަހަރުގެ ދިގު މުއްދަތަކަށެވެ.

ޒިންމާދާރު އަދި ކުއްޖާއަށް އޯގާތެރި ބައެއްގެ ޙިމާޔަތަށޭ ބުނުމީ ހަމަ ޙައްޤު މިންވަރަށް ވާތީވެ، އެ މިންވަރު ނުދީ ކުރިއަށް ދިއުމަކިީ ފަސޭހަ ކަމަކަށް ނުވި ހިނދު ޙައްޤުމިންވަރު ދޭން މަޖްބޫރު ވީއެވެ. ކުއްޖާއަށް އަނިޔާ ދެވެމުން ދިޔަ ދުވަސްވަރު، އެވާހަކަތަށް ދައްކައި އެއްވެސް މީހަކަށް ކިޔައި ދީފިނަމަ ދަންޖައްސާ މަރާލާނެކަމުގެ އިންޒާރުވެސް ކުއްޖާއަށް ދީ، އެ ޖަރީމާ ސިއްރުކުރުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކާއި އެ ފަރާތްތަކަށް މަދަދުވެރިވާ ފަރާތްތަކުން ކުއްޖާގެ މިއަދުގެ ބެލެނިވެރިޔާއަށް ދެމުންގެންދާ ތަފާތު އިންޒާރުތަކާއެކުވެސް، ކުއްޖާގެ ވާހަކަތަށް މިއަދު، އާދެ ހަމަ ޙަޤީޤަތުގައިވެސް މިއަދު އަޑުއަހައި، ކަމާބެހޭ އިދާރާތަކާއި ހަމައަށް އެ އަޑު އިއްވައި، ކުއްޖާގެ އިޙްސާސްތަކާއި ކެކުޅުންތައް ބޭރުކޮށްލުމަށް ކަށިން ހިތްވަރު ނެރުނީތީއެވެ.

އިތުބާރުކުރެވޭ މަޤާމުތަކުގައި ތިބެމެ ތުއްތު މަޢުޞޫމު ކުއްޖަކާ މެދު ހިންގާފައިވާ މި ޖަރީމާގައި ޝަމިލުވާ އެންމެންގެ "ލަފުގައި" ޤާނޫނީ ދިގު "އަތުން" ލަސްވުމެއް ނެތި މިހިނދުން މިހިނދަށް ހިފައި، އެފަދަ މުޖުރިމުންނަށް ފިލާވަޅެއް ދައުލަތުން ދީގެން މެނުވީ މިފަދަ ކަންކަން ނުހުއްޓޭނެކަން ކަށަވަރެވެ.

(އެޑިޓަރުގެ ނޯޓް: މި ޙަދިސާއަކީ، "ރަސްމީ" އަދި ނުރަސްމީ މުޢުތަބަރު ތަފާތު ގިނަ މަޞްދަރުތަކުން ޙަޤީޤަތެއްކަން ކަށަވަރު ކުރެވުމަށްފަހުގައި ރިޕޯޓް ކުރެވުނު ޙަދިޘާއެކެވެ. މި ޙާދިޘާ އަކީ ވަކި ޙާދިޘާއެއްކަމަށް ބަޔާންކުރުމާއެކު އެއްވެސް ކުއްޖެއް ވިކްޓިމައިޒް ވާގޮތަށް، ނުވަތަ މަޢުޞޫމު ފަރާތެއްގެ ޢަބުރު ކަތިލެވޭގޮތަށް މިޙާދިޘާ ބޭނުން ނުކުރުމަށް ކިޔުންތެރިން ސަމާލުކަން ދެއްވުން މި ނޫހުން އެދެމެވެ. މި ނޫހުގެ ހަމައެކަނި މަޤްޞަދަކީ، މިފަދަ ބޮޑެތި ޖަރީމާތަކާ މެދު މުޖުތަމަޢު ހޭލުންތެރިކުރުމާއި، އެފަދަ ޖަރީމާތަކުގައި ޝާމިލުވާ އެންމެންނަށް، ލަސްވުމެއްނެތި ޙައްޤު އަދަބު ދެވިގެން ދިއުމަށް ބާރު އެޅުމެވެ.)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތި ކަމެ ނުވާނެ ދުވަހަ ކުވެސް އަހަރެންގެ 4ރ އަހަރުގެ ދަރިންއާވެސް ބެހުންނު މީހާ މިހާރު ހުރީ މިނިވަން ކޮން އޭގެ ހުރިހާ ހިތްތާމައެ ލިބުނީ މިދެއް މާންނަ ހެ ކިހުރެ ވާވަރު ޢިންޝާﷲ މިނޫ ދުވަހެވެސް އަދި ވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *