ގއ. ވިލިނގިލީގައި ކަރަންޓީނު ވަމުންދާ މީހުންގެ އަދަދު އިތުރުވެ، އެރަށުގެ ގެސްޓް ހައުސް ތަކާއި، ގެތައް ފުރިއްޖެއެވެ.
މުޅިދުނިޔެ ތަހައްމަލް ކުރަމުންދާ ބަލިމަޑުކަން ކަމަށްވާ ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ދިރިއުޅެމުންދާ ވިލިނގިލީގެ އެތަކެއް އާއިލާ ތަކެއް މިހާރު ވަނީ އެރަށަށް ބަދަލުވެފައެވެ. ވިލިނގިލީ ކައުންސިލުގެ ރައީސް މުސްޠަފާ މުޙައްމަދު ވިދާޅުވީ މި ވަގުތު 163 މީހުން ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. މުސްތަފާ ވިދާޅުވީ ކަރަންޓީން ކުރެވޭ މިހާ ބޭނުންވާ ތަނެއްގައި ކަރަންޓީނު ކުރެވޭނެ ކަމަށާއި، އެހެންނަމަވެސް އެތަނެއްގައި ކަރަންޓީންވާން ހުއްދަދެނީ ކައުންސިލާއި އަތޮޅު ހޮސްޕިޓަލުން އެތަންތަން ބެލުމަށްފަހު އެތަނަކީ އެޗްޕީއޭގެ ގަވާއިދާއި މިންގަނޑާއި ފެތޭ ތަނެއްތޯ ޗެކުކުރުމަށްފަހު ކަމަށެވެ.
އަދި މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމުން ރާއްޖޭގެ އެކި ކަންކޮޅު ތަކުން ވިލިނގިއްޔަށް ޗުއްޓީ ހޭދަކޮށްލަން އަންނަމުންދާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރަށު ކައުންސިލުން ދަނީ އެޗްޕީއޭގެ ޤަވާއިދާއި މިންގަނޑުތަކާ އެއްގޮތަށް އުޅުމަށް ވިލިނގިލީގެ ރައްޔިތުންނަން ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
ގއ. ވިލިނގިލީގެ އާބާދީއަކީ 3817 މީހުންނެވެ.