މުސްލިމް އަންހެން ކުއްޖަކު ކަކުލަށްވުރެ މައްޗަށް އަރާ ސްކާޓްލުމަށް ބޭނުން ނުވުމުން ދިގު ސަކާރޓް ލައިގެން ދާއިރަށް ސްކޫލުން އެދަރިވަރު އަނބުރާ ގެއަށް ފޮނުވާލާތީވެ އެދަރިވަރު ކިޔެވުމުން މަޙްރޫމް ވެއްޖެއެވެ.
އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ނަންފިލާގަނޑު ތަތްކޮށްގެން އުޅެމުންދާ ހުޅަނގުގެ އެންމެ "ތަހުޒީބު" މުޖުތަމަޢުކަމުގައި ގިނަ "ބަޔަކު" ދެކޭ އިނގިރޭސި ވިލާތުގެ އަކްސްބްރިޖް ހައި ސްކޫލުން މިގޮތަށް ކަންތައްކުރުމަށް ފަހުގައިމެ، "ހަރުކަށި" ފިކުރުގެ ސަބަބުން ދަރިފުޅު ސްކޫލަށް ނުފޮނުވާކަމަށް ބުނެ، އެދަރިވަރުގެ މުސްލިމް މައިންބަފައިންގެ މައްޗަށް ދަޢުވާކުރާނެކަމުގެ އިންޒާރުވެސް އެސްކޫލުން މިހާރުވަނީ ދީފައެވެ.
ފުލް ލެންތު ސްކާރޓް ޔުނީފޯމުގެ ގޮތުގައި ލައިގެން ޢުމުރުން 12 އަހަރުގެ ސިހާމް ޙަމޫދު އެ ސްކޫލަށް ހާޒިރުވާތާ އަހަރުތަކެއް ވެފައިވަނިކޮށް، ސިހާމްގެ އެޔުނީފޯމަކީ ސްކޫލްގެ "މިންގަނޑު" އަށް ފެތޭ އެއްޗެއް ނޫންކަމަށާއި ވަގުތުން ބަދަލުކޮށްގެން އައުމަށް ޓީޗަރު ސިހާމަށް އަންގައި އޭނާ ގެޔަށް ފޮނުވާލުމުން ޚުދު ސިހާމް އަށްވެސް ލިބިގެން ދިޔައީ ހައިރާންކަމެކެވެ.

ސިހާމް ގެ ޔުނިފޯމާއެކު ދިގު ސްކާރޓް ލުން އިޚްތިޔާރުކޮށްފައި ވަނީވެސް ޚުދު ސިހާމް އަމިއްލައަށެވެ. އެހެންކަމުން އަހަރުތަކަކަށް އެޔުނިފޯމު ލަމުންގޮސްފައި ފުރާ އުމުރަށް އަރައިގަންނަމުން ދާއިރު ކަކުލަށްވުރެ މައްޗަށް އަރާ ކުރު ސްކާރޓެއްލުމަކީ މަޢުޞޫމް ސިހާމް ބޭނުންވާ ކަމަކަށް ނުވުމުން، ކުރު ސްކާރޓްލައިގެން އައުމަށް ބުނެ ސްކޫލުން އޭނާ ގެއަށް ފޮނުވާލިނަމަވެސް އެގޮތުގައި ސްކޫލަށް ދާން ލަދުގަތުމާއެކު އެގޮތް ބޭނުން ނުވާތީވެ އެދުވަސް އެއްކޮށް ގޭގައި ހޭދަކޮށްފައި އަނެއް ދުވަހުވެސް ހިތްވަރާއި އުންމީދާއެކު އަލުން ސްކޫލަށް ދިއުމުންވެސް ފޮނުވާލަނީ ގެޔަށެވެ.
އެހެން ދީންތަކަށް ނިޞްބަތްވާ އަންހެން ކުދީންނަށްވެސް ދިގު ފަޓްލޫނު ވެއްޖެނަމަ ދިގު ފަޓްލޫނު އަދި ކުރު ސްކާރޓް ވެއްޖެނަމަ އެ ސްކާރޓް ލެވޭގޮތަށް އެސްކޫލުގައި އިޚްތިޔާރު ދީފައި އޮންނަހިނދު، ސިހާމްގެ ކުރިމަތީގައި ދިގު ފަޓްލޫނު ލައިގެން އެހެން އަންހެން ކުދިން އެސްކޫލްގައި އުޅެމުންދާއިރު ސިހާމަށް މިޖެހެނީ ކުރު އެއްޗިސް ނުލުމުން، ވަކި ޢަޤީދާއަކަށް ނިސްބަތްވާތީވެ އިންސާނީ އެންމެ އަސާސީ ޙައްޤުކަމުގައިވާ އުނގެނުމުގެ ފުރުޞަތުން މަހްރޫމްކުރެވިގެން އަނބުރާ ގެޔަށް ދާށެވެ.

"ފްރީޑަން އޮފް ރިލިޖަން" އާއި "ހިއުމަން ރައިޓްސް" "މައި ފުޓް" އޭ ނުބުނެވޭނެހެއްޔެވެ! މާތް ﷲ ގެ ވަޙީބަސްފުޅުގެ ތެދެކަން ހާމަވެ ލޯކުރިމަތިން ފެންނަމުންދާލެއް ބޮޑުކަމާއެވެ. އެހެންނަމަވެސް "ފެނުމެއް" ހުރި ލޮލަކަށެވެ. އަލްބުރޫޖް ސޫރަތުގެ 8 ވަނަ އާޔަތެވެ.
﴿وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ﴾
މާނައީ؛ ( އަދި عزيز ވަންތަ، ގިނަގިނައިން حمد ލިބިވޮޑިގެންވާ اللَّه އަށް އެއުރެން إيمان ވާކަމަށްޓަކައި މެނުވީ، އެ كافر ން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ.)
(ޑެއިލީ މެއިލް)