Ad

އިޓަލީއަށް މިވީ ކިހިނެއް؟

ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު އަދި ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ކޮލިފައިނުވެ ކަޓައިގެން ދިޔުމަކީ ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކާއި އިޓަލީގެ ސަޕޯޓަރުންނަށް ލިބުނު ހިތާމައެކެވެ. އަމިއްލަ ދަނޑުގައި ނޯތު މެސެޑޯނިއާ ބައްދަލުކުރި ޕްލޭއޮފް މެޗުގައި އިޓަލީ ކޮޅަށް ނޯތު މެސެޑޯނިއާ އިން ގޯލްޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން، އިތުރު ވަގުތު ގޮތުގައި ދެއްކި 5 މިނެޓްގެ ތެރޭން 2 ވަނަ މިނެޓްގައެވެ. މެޗު ފެށުމުގެ ކުރިން ގިނަ ބަޔަކު ލަފާކުރި ގޮތުގައި އިޓަލީން ފަސޭހަކަމާއެކު ނޯތު މެސެޑޯނިއާގެ މައްޗަށް ކުރި ހޯދާނެއެވެ. އެހެން ނަމަވެސް، މެޗުގެ އޮއިވަރު ބަދަލުވީ ފަހު ވަގުތުކޮޅުގައެވެ.

ނޯތު މެސެޑޯނިއާއަކީ ބައިނަލްއަޤްވާމީ ފުޓުބޯޅައަށް ހަގު ޤައުމެކެވެ. އެޤައުމުގައިހުރި ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިޔަކަށް ހުރީ ކުރީގެ ކެޕްޓަން ޕަންޑޭވްއެވެ. ޕަންޑޭވް އަކީ އިޓަލީގެ އިންޓަމިލާނަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ނޯތު މެސެޑޯނިއާގެ ލެޖެންޑެކެވެ. އެއާއި ޚިލާފަށް، އިޓަލީއަކީ ޔޫރަޕްގެ ޗެމްޕިއަންގެ އިތުރަށް ތަރިންގެ ޓީމެކެވެ. އެޓީމުގައި ތިބީ މިދިޔަ އަހަރު ބޭއްވި ޔޫރޯ ނެގި ޓީމުގެ ކުޅުންތެރިންނެވެ. ނޯތު މެސެޑޯނިއާއިން މެޗު ފެށުނީއްސުރެ ފެނުނީ އިޓަލީގެ އެޓޭކިންގ ކުޅުންތެރިން މާކުކޮށްގެން ޑިފެންސިވް ގޭމެއް ކުޅުނުތަނެވެ. ދުނިޔޭގެ ޑިފެންސް އެންމެ ރަނގަޅު ޓީމުގެ ގޮތުގައި ކުރީގެ ނަން މަޝްހޫރު އިޓަލީގެ ކުރިމަތީ ނޯތު މެސެޑޯނިއާގެ ޑިފެންސް ފެނުނީ މާވަރުގަދަކޮށެވެ.

2010 އަދި 2014 ގެ ވޯލްޑްކަޕްގައިވެސް ގްރޫޕްގައި ސްޓޭޖުން އިޓަލީ ކަޓައިގެން ދިޔުން:

އިޓަލީ އެންމެ ފަހުން ވޯލްޑްކަޕެއް ކުޅެފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގައެވެ. އެފަހަރު ގްރޫޕް ޑީ ގައި 3 މެޗު ކުޅެގެން ލިބުނީ 3 ޕޮއިންޓެވެ. 2 މެޗުން ބަލިވެ، ގްރޫޕް 3 ވަނާގައި އޮވެ، މުބާރާތުން ކަޓައިގެން ދިޔައީއެވެ. 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް އިޓަލީ ދިޔައީ ދިފާޢީ ޗެމްޕިއަންގެ ގޮތުގައެވެ. އެފަހަރުގެ އިޓަލީ ޓީމުގައި 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލުގައި މިހާރުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ދެކޮޅަށް ކުޅުނު އެތަކެއް ކުޅުންތެރިން ކުޅުނެވެ. އެހެން ނަމަވެސް، 2010 ވަނަ އަހަރުގެ ވޯލްޑްކަޕްވެސް އިޓަލީއިން ނިންމާލަން ޖެހުނީ ގްރޫޕް އެފްގެ ފުލުގައި އޮވެގެންނެވެ. އެމުބާރާތުގައި އިޓަލީއަށް އެއްވެސް މެޗަކުން މޮޅެއް ނުލިބެއެވެ.

އިޓަލީގެ ރަންޖީލު އަދި އިޓާލިއަން ސެރިއޭ 90 ގެ އަހަރުތަކުގައި

އިޓަލީގެ ރަންޖީލުގެ ފުޓުބޯޅައިގާ އިޓަލީއަކީ ކޮންމެ މުބާރާތެއްގައިމެ އެމުބާރާތެއްގެ ފައިނަލުގައި ނުވަތަ ޗެމްޕިއަންކަން ނަގާނެކަމަށް ޔަޤީންކަމާއެކު ބުނެލެވޭ ފެންވަރުގެ ޓީމެކެވެ. އިޓަލީގެ ރަންޖީލުގެ ފުޓުބޯޅަ ޓީމު އޮތީ 1990 ގެ ފަހުން ކޮޅުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށެވެ. އެމުއްދަތުގެ ތެރޭގައި 90ގެ ފަހުކޮޅުގައި އިޓާލިއަން ސެރި އޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގެވެ. ދުނިޔެދުށް އެންމެ މޮޅެތި ކުޅުންތެރިން އޭރު ކުޅެމުން އައި ލީގަކީ އިޓަލީ ލީގެވެ. ޚާއްޞަކޮށް، ފްރެންޗް ލީގު އަދި ބުންޑެސް ލީގާ އަދި ދެކުނު އެމެރިކާގެ އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިން އިޓަލީގެ ކްލަބްތަކަށް ކުޅެމުން ދިޔައެވެ. އެގޮތުން، ދުނިޔެ ދުއް އެންމެ މޮޅެތި ކުޅުންތެރިންގެ ގޮތުގައި ހިމެނޭ ޒައިނުއްދީން ޒިދާން، ރޮނާލްޑޯ، ލޮތަރ މަތެއަސް، ރުއި ކޯސްޓާ، ޖޯޖް ވިއާ، ގަބްރިއެލް ބަޓިސްޓޫޓާ، މާސެލޯ ސަލާސް އަދި ޖަޕާންގެ ދެވަނައެއް ނެތް ހިޑިޓޯޝީ ނަކާޓާ ފަދަ ކުޅުންތެރިންނާއެކު އިޓަލީ ލީގުގެ ވަރުގަދަކަން ފެނިގެންދިޔައެވެ.

އިޓަލީގެ ރަންޖީލަކީ އެޤައުމުގެ ފުޓުބޯޅައިގާ އުފެދުނު އެންމެ މޮޅެތި އެންމެ މަޝްހޫރު ކުޅުންތެރިން ގިނަ ޖީލެވެ. އެގޮތުން، ކީޕަރ ބުފޯން، މަލްޑީނީ، ނެސްޓާ، ކަނަވާރޯ، ރޮބާޓޯ ބާޖިއޯ، ޗިއޭސާ، ޓޮޓީ، އިންޒާގީ، ޕިރްލޯ، ގަޓޫސޯ އަދި އެލްސެންދްރޯ ޑެލްޕިއެރޯ ހިމެނެއެވެ. މިކުޅުންތެރިންނާއެކު 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަންކަން އިޓަލީ ހޯދިއިރު، 2000 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ވާދަކުރިއެވެ. އަދި، މީގެ އިތުރުން 1994 ވަނަ އަހަރު ވޯލްޑްކަޕް ފައިނަލުގައި އިޓަލީ ކުޅުނެވެ.

މިވަގުތު އިޓަލީއަކީ ކުރީގެ އިޓަލީގެ ރަންޖީލަށްފަހު އަލުން ބިނާކޮށްފައިވާ ޓީމެކެވެ. ގޯލް ކީޕަރ އިން ފެށިގެން އެންމެ ކުރިއާއި ހަމައަށްވެސް ފެންނަނީ ޒުވާން ކުޅުންތެރިންނެވެ. ރަންޖީލެއްގެ ނިމުން އައުމަށްފަހު އަލުން ޓީމެއް ބިނާކޮށް ކާމިޔާބު ހޯދަން ކޮންމެ ޓީމަކަށްވެސް ވަގުތު ބޭނުންވާކަމަކީ ފުޓުބޯޅައިގާ ދެބަހެއް ނުވެވޭނެ ޙަޤީޤަތެކެވެ. ޚާއްޞަކޮށް، ޒިދާނަށްފަހު ފްރާންސްގެ ޓީމު ބިނާކޮށް އެކުލަވާލައި ދުނިޔޭގެ ޗެމްޕިއަންކަން އަލުން ހޯދުމާއި، ރޮނާލްޑޯ އަށްފަހު ބްރެޒިލްގެ ޓީމު އެކުލަވައިނުލެވޭ ޙަޤީޤަތަކީވެސް ލޯކުރިމަތިން ފެންނަ ޙަޤީޤަތެވެ. ކޮންމެއަކަސް އިޓަލީގެ މަޝްހޫރު ލެޖެންޑަރީ ކުޅުންތެރިން މަތިން ވޯލްޑްކަޕް އަބަދުވެސް މިސްވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *