ޗައިނާ ސަފީރު ވާންގ ލިޒިންގ ހިތް ލާމް އަތޮޅުގެ ގުދުރަތީ ރީތިކަމުން އަތުލައިގެންފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ އިރު އަރައިގެން ދިޔައީ ލާމް އަތޮޅަށް އުފާވެރި ދުވަހެއްގެ ގޮތުގަ އެވެ. އާދެ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމު ޗައިނާގެ ސަފީރަށް ކައްދޫ އެއަރޕޯޓުން މަރުހަބާ ދެންނެވީ ލާމް އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދު ތަމްސީލް ކުރާ ޗައިނާގެ ސަފީރުގެ ދަތުރުފުޅުގައި ލާމް އަތޮޅުގެ ކައުންސިލްތަކާއި ގައުމީ ޔުނިވަރސިޓީއަދި މާންދޫ މަސްފެކްޓަރީގެ އިތުރުން ދަނޑުވެރިކަމުގެ ދަނޑުތަކަށް ޒިޔާރަތް ކުރައްވާފައި ވެއެވެ.
ޗައިނާގެ ސަފީރު ލާމަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅު އެކަމަނާގެ ޓްވިޓަރ ހޭންޑަލްގައި ބަޔާންކޮށްދީފައިވާއިރު، ދަތުރުފުޅާ ގުޅޭ ގޮތުން ދެ ޓްވީޓެއް އެކަމަނާ ކުރައްވާފައި ވެއެވެ. މިގޮތުން ލާމް އަތޮޅުގައި ހުންނަވައިގެން ކުރެއްވި ޓްވީޓްގައި ލާމް އަތޮޅުގެ ގުދުރަތީ ރީތި ކަމަށް ތައުރީފް ކުރައްވާފައި ވެއެވެ. އަދި އަތޮޅު އިދާރާތަކުގެ މުވައްޒަފުންގެ ރަހްމަތްތެރި ކަން ފާހަގަ ކުރައްވާފައި ވެއެވެ.
އެކަމަނާގެ ޓްވީޓްގައި ޗައިނާ ސަރުކާރުން ގާއިމްކޮށްފައިވާ ރާއްޖޭގެ އެންމެ ދިގު މަގު ލާމް ލިންކް ރޯޑްގެ ސަބަބުން އެސަރައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިންތިހާއަށް ފަސޭހަ ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ލާމް ދަތުރުފުޅު ނިންމާލުމަށް ފަހު އެކަމަނާ ކުރެއްވި ޓްވީޓްގައި ލ. ގަމްގެ ދަނޑުތަކަށް ރިޔާރަތް ކުރައްވާ ނަންގަވާފައިވާ ފޮޓޯތައް ހިއްސާ ކުރައްވާ ވިދާޅުވެފައި ވަނީ ގިނަ ލޯބި ހަދާތަކެއް ލާމް އަތޮޅުން ލިއްބައިދީފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެބޮޑު ރަށް ލ. އަތޮޅު ގަމާއި ގުޅިފައިވާ މާންދު އާއި ކައްދޫގެ އިތުރުން ފޮނަދޫގެ ގުދުރަތީ ރީތި ހިތްގަައިމް މަންޒަރުތަކާއި މެހްމާންދާރީން އެކަމަނާގެ ހިތް ފަތަހަކޮށްފި ފަދަ އެވެ.