ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ އޮފީސް އަދި އެޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހާއްސަ ލައުންޖެއް ހުޅުވައިފިއެވެ.
އެތަކެއް ޒުވާނުންނާއެކު އެމްޓީޑީގެ އޮފީސް އަދި ލައުންޖު ހުޅުއްވައިދެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ފުންނާބުއުސް ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބުރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށްދިޔަ މި ހަފްލާގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ، އެމްޓީޑީއަކީ މުސްތަޤުބަލުއޮތް ޕާޓީއެއްކަން މި ހަފްލާގައި ބައިވެރިވި ޒުވާނުން ފެނުމުން އެނގިގެން ހިނގައްޖެކަމަށެވެ. ރާއްޖޭގެ ސިޔާާސީ މަޝްރަހުން އާންމުކޮށް ފެންނަ މަންޒަރަކީ ޕާޓީތެރެއިން މީހަކު ބާރަށް ކުރިއަރާދާނަމަ އެމީހަކު ޕާޓީން ބޭރުކޮށްލުން ކަމާށާއި ނަމަވެސް އެމްޓީޑީ އެހެން ނުވާނެ ކަމަށް ޤަބޫލު ކުރައްވާކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ، ޕާޓީ ތަކުގެ ވެރިން ޖަލައްލުމުގެ ސަޤާފަތް ރާއްްޖެއިން ނައްތާލަންޖެހޭ ކަމަށެވެ.
މި ޖަލްސާގައި މޫސަ ވަނީ މީގެ 19 އަހަރުކުރިން ރާއްޖޭގެ ސިޔާސީ މަޝްރަހުއޮތް ގޮތާއި، ސިޔާސީ ޕާޓީތައް އުފެދިގެންއައި ގޮތާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެން ދިޔަގޮތް ވަރަށް ތަފްސީލްކޮށް ކިޔާދެއްވާފައެވެ.
އެމްޓީޑީއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ހުރިހާ މަޝްރޫޢުއެއްގެ ހަަޤީޤީ ބާނީއަކީ އަހުމަދު އަދީބެވެ.
ސިނަމާލެ ބްރިޖް އެޅުމަށް ޗައިނާ ސަރުކާރާއެކު ކުރިއަށްގެންދިޔަ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ހުންނެވީ އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބެވެ. މިގޮތުން ބުރިޖްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، ބުރިޖްގެ ޑިޒައިން އިފްތިތާހުކޮށްދެއްވީވެސް އަހުމަދު އަދީބެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ފަންޑު ހޯދުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމަކާ ހަމަޔަށް އާދެވުނީ އަދީބު އެކި ފަހަރުމަތިން ޗައިނާއަށް ވަޑައިގެން ކުރެއްވި މަސައްކަތްޕުުޅު ތަކުންނެވެ. މީގެ އިތުރުން ރައްޔިތުންނާއި ދައުލަތަށް މިއަދު އެތަކެއް މަންފާއަކާއި ލުއިފަސޭހަކަމެއް ލިބިގެންދާ ހުޅުމާލޭ ފޭސް ދޭއް ވުޖޫދަށް އައުމުގެ މޭސްތިރިއަކީވެސް އަހުމަދު އަދީބެވެ. މިގޮތުން ހުޅުމާލެފޭސް ދޭއްގެ ބިން ހިއްކުމަށް އޭރު ހުރަހަކަށް ވެފައި އޮތް ފަރުކޮޅު ރިޒޯޓު އެންމެފަހުން ސަރުކާރަށް ނެގުނީ އޭރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ފުުލުހުންނާއިއެކު ފަރުކޮޅަށް އަރައިގެން އެ ރިސޯޓު ބަންދުކޮށް ކުރެއްވި މަސައްކަތްތަކުންނެވެ.