Ad

އަދީބުގެ ބޭސްފަރުވާއަށް ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްދީފިއެވެ.

އަދީބު ބޭސްފަރުވާއަށް ވަޑައިގަތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން، ފުލުހުންގެ ސެކިއުރިޓީއާ އެކުގައެވެ.

ނާރުގެ ބައްޔަކަށް ފަރުވާ ކުރެއްވުމަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. ސިންގަޕޫރަށް ބޭސްފަރުވާއަށް އޭނާ ވަޑައިގަތީ 10 ދުވަހަށެވެ.

އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބުގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތަކަށް ބެލުމަށްފަހު ބޭސް ފަރުވާގެ މުއްދަތު ފުރަތަމަ ފަހަރަށް އިތުރުކޮށްދިނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި އެ މުއްދަތު ހަމަވާތީ ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅުމުން އިތުރުކޮށްދިނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ބޯޑަށް ހުށަހެޅުމުން ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

2015 އިން ފެށިގެން ޖަލުގައި ހުންނެވިއިރު ސިއްހީ ބޮޑެތި މައްސަލަތަކެއް އަދީބަށް ވަނީ ކުރިމަތި ވެފައެވެ. އޭރުގެ ސަރުކާރުން އަދީބަށް ބޭނުންވި ބޭސްފަރުވާ ނުދެވުމުން، އޭރުގެ ހިއުމަން ރައިޓްސްއާ ބޭރުގެ ޖަމިއްޔާ ތަކުން ވަނީ، އަދީބަށް ސިއްހީ ފަރުވާ ދޭން ސަރުކާރަށް ގޮވާލާފަ ވެއެވެ.

އަދީބު ވަނީ 2018 ވަނަ އަހަރުގެ ގެ ޑިސެމްބަރުމަހު އައިޖީއެމްއެޗްގައި ކިޑްނީގެ އޮޕަރޭޝަނެެއް ވެސް ކޮށްފައެވެ. އަދި ރާއްޖެއިން ފަރުވާ ނުކުރެވޭ ލޮލުގެ ބައްޔެއްކަމަށްވާ، ގުލޫކޯމާ ޖެހިފައިވާތީ، 2015 އިން ފެށިގެން އެބައްޔަށް ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަަމަށް އަދީބުގެ ގާތް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 2020 ވަނަ އަހަރު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *