Ad

ޒުވާނުންނަށް ޑރ.މުޢިއްޒު: "ކައިވެނި ނުކޮށް ތިބި ޒުވާނުންނަށްވެސް ގޯތިގެދޮރު ދޭނަން"

ހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ގޯތިގެދޮރު ދެއްވުމަށް އިޢުލާނުކުރައްވާފައިވާ ސިޔާސަތުގެ ދަށުން ކައިވެނި ނުކޮށް ތިބި ޒުވާނުންނަށްވެސް ގޯތިގެދޮރު ދެއްވާނޭކަމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލުމުގެ ޙައްޤު ލިބޭ 18 އަހަރާ 23 އަހަރުގެ ގިނަ ޒުވާނުންތަކަކާ، ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވަން މަސައްކަތްކުރާ ޒުވާނުންނާއެކު ބުރާސްފަތި ދުވަހުގެރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އޮތް އިވެންޓުގައި ޑރ.މުޢިއްޒު ވަނީ ދިވެހި ޒުވާނުންނަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަކުރައްވައިފައެވެ.

"ފުދުންތެރި ދިރިއުޅުމެއް ލިބުން. ގޯތިގެދޮރު. ތަޢުލީމު. ރަނގަޅު މާޙައުލެއް. މިކަހަލަ ކިތަންމެ ކަމެއް ޒުވާނުންނަށް ބޭނުންވޭ. ވެރިކަމަށް އަންނަ ބަޔެއްގެ ފަރާތުން ޒުވާނުން އުންމީދުކުރާ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑަށް އެނގޭ މާލޭގައި ވަރަށް ކުދިކުދި ޖާގައިގާ ވަރަށް ދަތީގައި އުޅޭ ޒުވާނުންވެސް އެބަ ތިބިކަން. އެފަދަ ހުރިހާ ޒުވާނުންނަށްވެސް ހިޔާވަހިކަން ހޯދައިދިނުން، ދިރިއުޅުމުގެ އުންމީދުތައް ފުރިހަމަކޮށްދިނުން، މިއީ ކޮށްދޭން ޖެހޭ ކަންކަން." މާލެ ސިޓީގެ މޭޔަރުކަންވެސް މިހާރު ކުރައްވަމުން ގެންދަވާ ޑރ.މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދިވެހި ޒުވާނުންގެ އުފެއްދުންތަކާއި ހުނަރު ބައިނަލްއަޤްވާމީ ބާޒާރަށް ނެރެވޭނެ ގޮތްތައް ހޯދައިދިނުމަށް ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯގައި އޮތް ވަޢުދު ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މިރޭވެސް ވަނީ ތަކުރާރު ކުރައްވައިފައެވެ. މިގޮތުން، ބައިނަލް އަޤްވާމީ ޕޭމަންޓް ގޭޓްވޭ ނިޒާމް ރާއްޖޭގައި ހަރުދަނާކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

400 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި މި އިވެންޓުގައި ކުރިއަށް ދިޔަ އީ-ގޭމިން ބައެއް އިވެންޓުތަކުގައި ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަތެވެ. އިވެންޓަށް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ވަޑައިގަތުމާއެކު "ވޯޓް ފޮރ މުޢިއްޒު" ގެ އަޑުން ޒުވާނުންގެ އަޑު ވަނީ އެ ހޯލުގައި ގުގުމާލާފައެވެ.

އިވެންޓުގައި ބައިވެރިވި ބައެއް ޒުވާނުން ބުނިގޮތުގައި ރިޔާސީ ކެންޑިޑޭޓަކު އީ-ގޭމިން ކޮމިޔުނިޓީއާ އަލަށް ވޯޓުލާ ކުދީންނާ މިކަހަލަ މާޙައުލެއްގައި ބައްދަލުކުރައްވައި މިހާ އެކުވެރިކަމާއެކު ވަގުތު ހޭދަކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި މިއީ ޒުވާނުންގެ އަޑު ޑރ.މުޙައްމަދު މުޢިއްޒު އައްސަވާނެކަމަށް ލިބުނު ބޮޑު އިތުބާރަކާ ޔަގީންކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *