Ad

ރިޔާސީ އިންތިހާބު: ޑރ. މުއިއްޒު އިންތިހާބު ކާމިޔާބުކުރައްވައިފި

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އައްޔަށް ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.

މިއީ ގިނަ ކެންޑިޑޭޓުންނަށް ވާދަކުރެވޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާހުތަކަށް ފަހު ރާއްޖޭގައި ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާފައިވާ އިންތިޚާބުވެސްމެއެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތީ ފުރަތަމަ ބުރުގައި ވާދަކުރި 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ފުރަތަމަ ބުރުގައި %46 ވޯޓް ޑރ.މުޢިއްޒު ހޯއްދެވިއެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ %39 އެވެ. މިއަދު ކުރިއަށްދިޔަ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ދެ ކެންޑިޑޭޓުންވެސް ތައްޔާރުވެވަޑައިގަންނަވަމުން ދިޔައިރު، ފުރަތަމަ ބުރަށް ވުރެ ގިނަ ބަޔަކު ދެވަނަ ބުރުގައި ވޯޓުލާން ނުކުމެއްޖެނަމަ ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ގިނަ އަތޮޅުތަކުގެ މެޖޯރިޓީ ކާމިޔާބު ކުރައްވާފައިވަނީ ޑރ. މުޢިއްޒެވެ. އަދި އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މެޖޯރިޓީވެސް ކާމިޔާބުކުރައްވާފައިވަނީ އެމަނިކުފާނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންނާ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙްގެ ކޯލިޝަނުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ދެވަނަ ބުރުގައި ތާއީދުކުރީ ޑރ.މުޢިއްޒަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ދެ ސިޔާސީ ޕާޓީއަކާ، އަމިއްލަގޮތުން ވާދަކުރި 3 ކެންޑިޑޭޓަކު ވަނީ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވައިފައެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ކުރިއަށް މިއޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭ އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރައްވާނެއެވެ. އަދި ދާއިމީ ނަތީޖާއަށް ފަހު، ޤާނޫނު ބުނާގޮތުން އައު ސަރުކާރަށް ހިންގުމުގެ އެންމެހައި ކަމެއް ނަގުލުކުރުމަށްޓަކައި ޓްރާންސިޝަނަލް އޮފީސް ޤާއިމުކުރާނެއެވެ.

ޑރ. މުޙައްމަދު މުޢިއްޒު ވާނީ، ރާއްޖޭގެ ޖުމްހޫރީ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފުރުއްވާ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޕީއެންސީގެ ޓިކެޓްގައި، ވާދަވެރި މައިޕާޓީ ޕީޕީއެމްގެ ތާއީދާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގަތީ ޖަލު ޙުކުމެއްގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ގެއްލިވަޑައިގަތުމާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *