ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކުރަމެވެ.
މިގޮތުން ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް’ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދައެވެ.
" އަޅުގަނޑުމެން އެދެނީ މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާމެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއްކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެމީހަކަށް ގުޅާ އެކަންޔަގީންކުރުން." ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުމެވެ. އަދި ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް އިލްތިމާސްކުރަމެވެ.
މީގެ އިތުރުން ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓްކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމާއި ފާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާހޯދުމުގެ މައްސަލަތަކެއްވެސް ހުށަހަޅާފައިވެއެވެ. " ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ. މި ގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަން. އަދި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމަށް ތަކުރާރުކޮށް ދަންނަވަން" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށް ފަހު މުދާ އަދިފައިސާ ވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކުޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާ ވެސް ބޭންކަށްހުށަހެޅެއެވެ.