Ad

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 8 ވަނަ ފަހަރަށް މެސީ ހޯދައިފި

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް (ބެލެންޑިއޯ) ލިއޮނަލް މެސީ ކާމިޔާބުކޮއްފިއެވެ.

މިހާރު އެމެރިކާގެ އިންޓަ މިއާމީއަށް ކުޅެމުންދާ މެސީއަކީ މިހާތަނަށް އެންމެ ގިނައިން ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާއެވެ. އޭނާ 8 ފަހަރު އެވޯޑު ހޯދާފައިވާ އިރު، އެންމެ ގާތުން ވާދަކުރަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ބެލެންޑިއޯ 5 ފަހަރު މަތިން ކާމިޔާބުކޮއްފައެވެ. ނަމަވެސް މިއަހަރު ބެލެންޑިއޯ އެވޯޑަށް ޝޯޓްލިސްޓްކުރި ކުޅުންތެރިންތެރޭގައި ރޮނާލްޑޯ ނުހިމެނެއެވެ. މި އެވޯޑަށް މިފަހަރު މެސީއާއި އެންމެ ވާދަކުރީ މެންޗެސްޓަރސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނޯވޭގެ ހާލަންޑެވެ.

މެސީއަށް މިފަހަރުގެ އެވޯޑް ލިބުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މިދިޔަ އަހަރު ޑިސެމްބަރު މަހު އޮތް ފީފާ ވޯލްޑް ކަޕެވެ. އާޖެންޓީނާ ވޯލްޑްކަޕް ކާމިޔާބުކުރީ މެސީގެ މޮޅު ކުޅުމާއެކުގައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދީ އޭނާއެވެ، މެސީ ވޯލްޑްކަޕްގައި 7 ލަނޑާއި 3 ގޯލް ޖަހަން އެސިސްޓް ކޮށްދިނެވެ. މިދިޔަ ސީޒަނުގައި ކުޅުނު 55 މެޗުން މެސީ ވަނީ 32 ލަނޑާއި 25 އެސިސްޓް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން މެސީ، ބެލޮންޑިއޯ ކާމިޔާބުކުރީ 2009، 2010، 2011، 2012، 2015ގެ އިތުރުން 2019 އަދި 2021 ވަނަ އަހަރުއެވެ. މެސީ އަކީ ޖެހިޖެހިގެން އެވޯޑު އެންމެ ގިނައިން ހާސިލުކުރި ކުޅުންތެރިޔާވެސް މެއެވެ.

ބެލޮންޑިއޯ ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު، ލެވް ޔެޝިން ޓްރޮފީ ހޯދީ މިދިޔަ ސީޒަނުގައި އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެމިލިއާނޯ މާޓިނޭޒެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ޖޫޑް ބެލިންހަމް ހޮވުނު އިރު، މިދިޔަ ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދީ އާލިން ހާލަންޑެވެ. މި ހަފުލާގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި، ވިނީޝިއަސް ޖޫނިއާއަށް ވަނީ ސޮކަރޭޓް އެވޯޑު އަރުވައިފައެވެ. އެއީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އޭނާ ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ.

ބެލޮންޑިއޯ އެވޯޑަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *