Ad

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދަން ޑިސެމްބަރު 10 ވަނަ ދުވަހު މަސްވެރިން މުޒާހަރާއަށް ނިކުންނަނީ

މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހު މުޒާހަރާއަށް ނިކުންނަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅޭ ދެކުނުގެ މަސްވެރިޔަކު ބުނީ މަސްވެރިންގެ ދުވަހު ބާއްވާ މުޒާހަރާއަކީ މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މަސްވެރިން ދަރަނިވެރިވެ ގޮތް ހުސްވެގެން ބާއްވާ މުޒާހަރާއެއް ކަމަށެވެ. މި މުޒާހަރާ އޮންނާނީ މިފްކޯގެ ކޫއްޑޫގައި ކަމަށް މައުލޫމާތުލިބެއެވެ.

"މިއީ ސަރުކާރާ ނޫނީ ވެރިމީހާ ދެކޮޅަށް ބާއްވާ މުޒާހަރާއެއްނޫން. މިއީ އަޅުގަނޑުމެންގެ ހައްޤު ހޯދަން ކުރާ މުޒާހަރާއެއް. ވާހަކަ ދައްކައިގެން މިކަން ހައްލުކުރެވޭތޯ ވަރަށް މަސައްކަތް ކުރެެއްވިއްޖެ. ނަމަވެސް އުންމީދީ ޖަވާބެއް ނުލިބޭ. ލާރި ދެވޭނެ ދުވަހެއްވެސް ނުބުނޭ. އެހެންވީމަ މި ނޫންގޮތެއް ނެތް. ދެމަހާ ގާތްވަނީ މިފްކޯއިން ރުފިޔާ ނުދޭތާ. އެބޭފުޅުންނަށް އިހްސާސްވެސް ނުކުރެވޭނެ މިހާ ދުވަހު ފައިސާ ނުލިބުނީމަ މި އުޅޭ ހާލު، އެމީހުންނަށް އެންމެ މަހަކު މުސާރަ ނުލިބުނަސް ވާނެ ދަތި އިހުސާސްކޮށްލާ." މަަސްވެރިޔަކު ބުންޏެވެ.

މަސްވެރިން މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން

މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު 22 ވަނަ ދުވަހާ ހަމައަށް ކިރުވާފައިވާ މަހަށެވެ. މިފައިސާ ޖަމާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

"ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުން އެ ގެންދަނީ، މަޖިލީހާއި ސަރުކާރު މުވައްޒަފުންނަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދެވޭ. އެސްޓީއޯއާއި މިފްކޯގެ މުވައްްޒަފުންނަށާއި މުސާރަ ދެވޭ. އެކަމަކު މަސްވެރިން ކިރާ މަހަށް ފައިސާ ނުދެވޭ. އަޅުގަނޑުމެން މި އާދޭސް ކުރަނީ އަޅުގަނޑުމެން ކުރި މަސައްކަތަށް ފައިސާ ހޯދަން." ގއ. ވިލިނގިލީ މަސްވެރިޔަކު ބުންޏެވެ.

މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅޭ ކެޔޮޅަކު ބުނީ މުޒާހަރާގައި ވީހާވެސް ގިނަ މަސްވެރިން ބައިވެރިކުރުމަށް ދޯނިފަހަރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މި ދުވަހަކީ މަސްވެރިންގެ ދުވަސްކަމުން މަސްވެރިންގެ އަޑުއިއްވަން މިދުވަހަށްވުރެ ރަނގަޅު ދުވަހެއް ނޯންނާނެ ކަމަށެވެ.

މިފްކޯއިން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ވަނީ ދަރާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *