ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުން މިރޭ ބޭއްވި މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި، ނައިބުރައީސް އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ފަރާތުން ހުށަހެޅި ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމަށް 51 ލިބުނެވެ. އޭނާ އާ ވާދަކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
ނައިބުރައީސްކަމަށް އަހުމަދު ސަލީމް އިންތިހާބުވުމަށްފަހު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ވޯޓުން އެނގިގެންދިޔައީ އެމްޑީޕީއަކީ ހަގީގީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށެވެ. ސައްލެ ވިދާޅުވީ މިއީ ރައްޔިތުންގެ ކުރިއެރުމަށް އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި، އެމްޑީޕީ އޮންނާނީ ފުރިހަމަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ސައްލެ ވަނީ މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރިޔާސަތައް އެއްބާރުލުން ދެއްވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ހެނދުނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މިއަދު ނެގި ވޯޓުގައި ސައްލެއަށް 26 ވޯޓު ލިބުނު އިރު، ރޮޒެއިނާއަށް 23 ވޯޓު ލިބުނެވެ. ޖާބިރަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
މަޖިލީހުގެ ނައިބުރައީސްކަމުގެ މަގާމަށް މެމްބަރަކު އިންތިހާބުކޮށްފައިވަނީ ނައިބުރައީސްކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި އީވާ މަގާމުން އިސްތިއުފާ ދިނުމުންނެވެ. މަގާމުން މިއަދު އީވާ އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ބަހުސް ކުރިއަށް ގެންދަނިކޮށެވެ.