Ad

ޙައްޖު ކޯޕަރޭޝަނުން ގިނަ ބައެއްގެ ލޯބި ހޯދި ޑރ.އަސްލަމް މަޖިލީހަށް ވާދަކުރައްވަނީ!

ރައްޔިތުންގެ މަޖްލީހުގެ ނޮޅިވަރަމް ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ހައްޖު ކޯޕަރޭޝަނާއި ސިފައިންގެ ވަޒީފާގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. އަހްމަދު އަސްލަމް ނިންމަވައިފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙައްޖު އޮޕަރޭޝަންސް މެނޭޖަރގެ ވަޒީފާގައި ހުންނެވި ޑރ އަޙްމަދު އަސްލަމް ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު, 7 ޑިސެމްބަރ 2023 އާ ހަމައަށް އޭނާ ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ލެފްޓިނެންޓެއްގެ މަޤާމުގައެވެ. އެގޮތުން ޑރ. އަސްލަމް މަސައްކަތް ކުރައްވަމުން ގެންދެވީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި މެޑިކަލް އޮފިސަރެއްގެ މަޤާމުގައެވެ.

ޑރ. އަސްލަމް ވަނީ ހައްޖުކޯޕަރޭޝަންގައި މަސައްކަތް ކުރެއްވި އިރު, ހައްޖުވެރިންގެ ލޯތްބާއި އިހްތިރާމް ހޯއްދަވައިފައެވެ. ޑރ. އަސްލަމް ނޮޅިވަރަމް ދާއިރާއަށް ކުރިމަތި ލެއްވުމާއެކު ދީނީ އިލްމުވެރިންނާއި އެކި ފަންތީގެ ބޭފުޅުން އަދި ހައްޖު ކޯޕަރޭޝަންގެ ޚިދުމަތް ހޯއްދެވި އާންމު ރައްޔިތުން ވަނީ އަސްލަމްގެ ޚިދުމަތަށް ތައުރީފު ކުރައްވައިފައެވެ.

އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޝަފީއު އަސްލަމާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ އަސްލަމަކީ ވަރަށް އަޚްލާޤު ރަނގަޅު، އޯގާތެރި ބޭފުޅެއް ކަމަށެވެ.

"ޑރ. އަސްލަމަކީ އަޅުގަނޑުގެ ވަރަށް ގާތް އަޚެކެވެ. އަޅުގަނޑު އެންމެ ފުރަތަމަ ޑރ. އަސްލަމާ ބައްދަލުވީ މައްކާގެ މާތް ބިމުންނެވެ. އޭރު އަސްލަމް ވަޒީފާ އަދާކުރައްވަމުން ގެންދެވީ ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮޕަރޭޝަނުގެ ގޮތުގައެވެ. އޭރު އުފެދުނު ގާތް އެކުވެރިކަމުގެ ގުޅުމުން އަޅުގަނޑަށް އަސްލަމް ދަސްވެފައިވަނީ ވަރަށް އަޚްލާޤު ރަނގަޅު، އޯގާތެރި ބޭފުޅެއްގެ ގޮތުގަ." ކަމަށެވެ.

މީގެ އިތުރުން ޝެއިޚް ވިދާޅުވެފައިވަނީ ޙައްޖުވެރީންނާ މެދު ވެސް މުޢާމަލާތުކުރައްވަމުން ގެންދެވީ ނިޔަނެތި އޯގާތެރިކަމާއި މަޑުމައިތިރިކަމާ އެކުގައި ކަމަށެވެ. އެކަމުން ވެސް އެނގުނީ ޑރ. އަސްލަމްގެ ޚުލްޤު ހެޔޮކަމާއި މީސްތަކުންނާ އޮންނަ ގާތް ގުޅުމާއި، ކަމެއް ކަމޭ ހިއްތަވާ މިންވަރު ކަމަށް ޝެއިޚް ޝަފީއު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރައްވަމުން ގެންދަވާ ދިވެހި ދަރިވަރުންނާ ވެސް ޑރ އަސްލަމަށް ގާތް އެކުވެރިކަމުގެ ގުޅުން ދަމަހައްޓަވަމުން ގެންދެވިކަމަށާއި، އެ ދަރިވަރުންނަށް ވެސް އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ޑރ. އަސްލަމް ގެންދެވި ކަމަށް ޝެއިޚް ވިދާޅުވިއެވެ.

"އަދި އެއް ކަމެއް ފާހަގަކޮށްލާނަން. އަޅުގަނޑު ކޯލެއް ނުވަތަ މެސެޖެއް ކޮށްފިއްޔާ، ވަގުތުން ޖަވާބު ދެއްވާ ކަން. ޞިއްޙީކަމެއްގައި ވެސް މަޝްވަރާއަކަށް ނުވަތަ ލަފައަކަށް އެދިފިއްޔާ ކިތަންމެ މަޝްޣޫލުވެ އުޅުއްވަމުން ވެސް އެ ކަމުގައި ވެސް ވެދެއްވުނު ހުރިހާ އެހީތެރިކަމަކާއި ލަފާފުޅެއް ދެއްވާ. އަބަދު ވެސް އޯގާތެރިކަމާއި ހިނިތުންވުމާ އެކު ހުންނަވާ. އަޅުގަނޑު އެދެނީ ޑރ. އަސްލަމް ފަދަ ރަނގަޅު ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހޮވުން. އެ ކަމުގައި ޑރ. އަސްލަމަށް ކާމިޔާބު މިންވަރުކުރެއްވުމަށް އެދި ދުޢާކުރަން. އާމީން!" ޝެއިޚް ޝަފީއު ވިދާޅުވެފައިވެއެވެ.

ޝެއިޚް ޝަފީއުގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ޑރ. އަސްލަމް ފަދަ ތައުލީމީ ގާބިލް ފަރާތްތަށް މަޖިލީހުން ފެންނަން ޖެހޭ ކަން ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *