އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފޮނުވާފައިވާ ގޮތަށް ފާސްކޮށްފިއެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ ތަޅުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 68 މެންބަރުންގެ ވޯޓުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ހުށެހެޅި ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ 300 މިލިޔަން ރުފިޔާ އިތުރުކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. ޕީއެސްއައިޕީ އަށް ވަނީ 249 މިލިއަން ރުފިޔާ އިތުރުކުރި އެވެ. އެއާ ޖުމްލަ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި ބަޖެޓު ވަނީ 8.6 ބިލިއަން ރުފިޔާ އިން 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ބާކީ ބަޖެޓަށް އިތުރުވީ، ބައެއް އޮފީސްތަކުގެ ބަޖެޓެވެ.
ބަޖެޓު ހުށަހެޅި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަން ހައްލު ކުރުމަށް ޕްލޭން ކޮށްފައިވާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ، ކ. ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. ނަމަވެސް ބަޖެޓު ކޮމިޓީން މި ފައިސާ ހޯދާނެ ގޮތް ބަޔާންކޮށްފައި ނުވާތީ އެ ފައިސާ ވަނީ އެހެން މަޝްރޫއު ތަކަށް ބަހާލާއެވެ. މިގޮތުން ފުށިދިއްގަރު ހިއްކުމުގެ 400 މިލިއަން ރުފިޔާގެ ތެރެއިން 200 މިލިއަން ރުފިޔާ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުގައި ކުރީގެ ސަރުކާރުން ހިންގި ގެދޮވެރިޔާ ސްކީމު ނިންމުމަށް ކަނޑައަޅާފަ އެވެ. އަދި ބާކީ 200 މިލިއަން ރުފިޔާ ކަނޑައެޅީ އަތޮޅުތެރޭގެ ޕީއެސްއައިޕީއަށެވެ.