ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަސަން މަމްދޫހު (މަންޑޭ) އާއި އޭނާގެ ޕާޓްނަރު ޖައިޝާން ސައީދުގެ މައްޗަށް 200 އަށްވުރެ ގިނަ ޖިނާއީ ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީޙުން ބުނީ، ކޭ ޕާކް ހިޔާނާތުގެ މައްސަލައިގައި އެންމެބޮޑު ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކުރާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާއެއް އުފުލާފައިވާއިރު، ޖައިޝާންގެ މައްޗަށް ވަނީ 98 ދައުވާ އުފުލާފައެވެ.
- ޓެކުމުގެ ކުށުގެ 50 ދައުވާ
- ވިޔަފާރީގައި އޮޅުވާލުމުގެ އަމަލެއް ހިންގުމުގެ 50 ދައުވާ
- މަނީ ލޯންޑަރކުރުމުގެ ދައުވާ
- މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި:
- މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ
- ޓެކުމުގެ ކުށުގެ 20 ދައުވާ
- ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ
- ވިޔަފާރީގައި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ
- މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ އެއް ދައުވާ
މީގެ ކުރިން މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމްް ވިދާޅުވެފައިވަނީ، ކޭޕާކް ހިޔާނާތުގެ މައްސަލައަށް ބަލާނަމަ މި މައްސަލައިން އެކަނިވެސް މަންޑޭގެ މައްޗަށް 200 އަށްވުރެ ގިނަ ދައުވާ ކުރެވޭނެ ކަމަށެވެ.
މަންޑޭ އަކީ ކޭ ޕާކު ފްލެޓުތައް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ އޭރުގެ މައިނޯރިޓީ ހިއްސާދާރެވެ. ޕާކްގެ މައްސަލާގައި ތުހުމަތުކުރެވޭ މަންޑޭގެ އިތުރުން ދެމީހެއްގެ ޕާސް ޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.
ހަންބޯ އިން ވަނީ މަންޑޭގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައެވެ. ހަންބޯއިން ވަނީ އެ ކުންފުނިން ހޯދަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމަށް މަންޑޭ އެއްބާރުލުން ނުދޭ ކަމަށް ވެސް ކުރިން ބުނެފައެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ. މި ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ.