ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ތަރުޖަމާނު ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއުއާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެކެެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
ޝަފީއުއާއި އިތުރު ފިރިހެނަކު ފެންނަ ވީޑިއޯއަކާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އަދި މި ފޮޓޯތަކުގައި ވީޑިއޯގެ ކެޕްޝަންގައި ޝަފީއު އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކޮށް އަދި ރަސޫލާއަށް ފުރައްސާރަ ކުރާ ކެޕްޝަންއެއް ފޮޓޯއެއްގައި ލިޔެފައިވެއެވެ. މިއާއެކު ގިނަބައެއްގެ ފާޑުކިޔުން ޝަފީއުއަށް އަމާޒުވިއެވެ. ނަމަވެސް ލީކުވި އެއްވެސް ފޮޓޯއަކުން އެއްޖިންސުން ގުޅުން ހިންގާ ނުވަތަ ބަދުއަހުލާޤީ އަމަލު ހިންގާ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނެތެވެ. ސޯޝަލް މީޑިއާގައި މިވާހަކަ ދެކެވެން ފެށުމުން ފުލުހުން ވަނީ މިކަން ހިނގާދިޔަ ގޮތް ބަލަން މި ކަން ތަހުޤީޤު ކުރަމުންދާ ކަމަށެ ބުނެފައެވެ. މިއާއެކު ޝަފީއު ވަނީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
އިރުވަރު ނޫހަށް މައުލޫމާތުދެއްވަމުން ޝަފީއު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް އެއްޗިހި ކަމަށެވެ.
"ރައްޓެއްސެއްގެ ފޯނު ފޭރިގަނެގެން އޭގަހުރި ސެލްފީތަކެެއް ނަގައިގެން ކޮށްގެންއުޅޭ ކަމެއް. ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުގަވެސް ނުހުންނާނެ ބަދުއަހުލާގީ އެއްވެސް ފޮޓޯއެއް. ރައްޓެއްސެއްގެ ފޯނުން ދެ މީހުން އެއްކޮށް ނަގާފަ ހުރި ފޮޓޯތައް ހުރެދާނެ. އެކަމަކު އެއްޖިންސުން ގުޅުން ހިންގާ އެފަދަ ބަދު އަހުލާގީ އެއްވެސް އެއްޗެއް ނުހުންނާނެ." އޭނާ ވިދާޅުވިއެވެ.
އަދި އެ ފޯނުން ނެގި ވީޑިއޯތަކާއި ފޮޓޯތައް އެޑިޓްކޮށް އޭގެ އަސްލު ގެއްލުވާލައިފައިވާ ކަމަށެވެ. މިގޮތުން އޭނާ ސްނެޕުން ނަގާފައިވާ ސެލްފީއެެއް އެޑިޓްކޮށް ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާކަމަށް ވިދާޅުވިއެވެ.
"ސްނެޕުގަ ހަމަ ބޭނުން ބަޔަކަށް އެޑިޓު ކުރެވިދާނެ. އެގޮތަށް އެޑިޓުކޮށްގެން އެ ދައުރުކުރަނީ. އަޅުގަނޑު ދީނާ ގުޅުވައިގެން އެފަދަ އެއްޗެއް ބުނެފައެއް ނޯންނާނެ. ނުވެސް ބުނާނަން. ފޮޓޯ އެޑިޓްކޮށްގެން ލިޔުނު މީހަކަށް ތެދުމަގު ދެއްކެވުމަކީ އަޅުގަނޑުގެ ދުއާއާއި އެދުން" އޭނާ ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ފުލުހުންވެސް މިހާތަނަށް އޭނާގެ ނަމެއް ފާހަގަކޮށްފައިނުވާނެ ކަމަށާއި ފޯނު ފޭރުނު މައްސަލަ އާއި ފޯނު ފޭރުމަށްފަހު އެކުވެރިޔާއަށް އަނިޔާކުރި މައްސަލަ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ފުލުހުން ބަލަމުންދާ ކަމަށެވެ.
ޝަފީއު ވިދާޅުވީ މިހުރިހާ ތުހުމަތެއްކޮށް އަބުރު ކަތިލަމުންދަނީ އޭނާ ހުރި މަގާމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހަސަދަވެރިންނާއި ފިތުނަވެރިންގެ މިފަދަ އެއްވެސްކަމަކާ ޖެހިލުން ނުވާކަމަށް ޝަފީއު ވިދާޅުވިއެވެ.
ޝަފީއުއަކީ ޓެރަރިޒަމާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަމުންދާ އެންމެ އިސް އެއް ވަކީލެވެ. މިގޮތުން ކުރީގެ ރައީސް ޔާމީންގެ މައްސަލަޔާއި ޔޯގާޑޭގައި ހައްޔަރުކުރި މީހުންގެ މައްސަލަތަކުގައި ދައުލަތުގެ ވަކީލެއްގެ ގޮތުން ދަނީ ހަރަކާތްތެރިވަމުންނެވެ.