Ad

މޯލްޑިވިއަންއަށް ދެ ވައިޑް ބޮޑީ އެއަރކްރާފްޓް ގެންނަނީ!

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޤައުމީ އެއަރލައިނަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *